ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ސިޔާސަތު ކަމަށާއި، މާޒީއާއި މިހާރުގެ ކަންކަމަށް ބަލާއިރު ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ އެ ޕާޓީއާއެކު ކުރިއަށްދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ޕީއެންސީގެ ހުރިހާ އަމަލެއް ބިނާވަނީ އިސްލާމްދީނާ ޤައުމިއްޔަތުގެ މައްޗަށް ކަމަށާއި، ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންދަނީ ދީނަށް ނަޞްރުދީ، އިސްލާމީ ހަޟާރަތު އާލާކުރުމަށް ކަމަށެވެ. އަދި މާޒީއާއި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު، ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ފެނުނީ ފަނާކުރުވަނިވި ފިކުރެއްގެ މަތީގައި ކަންކަން ކުރި މަންޒަރު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ސަރުކާރުން ކޮންމެ ދުވަހެއްވެސް ހޭދަކުރަނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށާއި ސަރުކާރު ހިންގަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ޤައުމުގެ މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރުގައި ޖެހިގެން އެންމެ ރަނގަޅު ނޫން ނިންމުންތައް ނިންމާފައިވާކަން މާޒީއަށް ބަލާއިރު ފެންނަން ހުރި ކަމަށެވެ. އެހެންކަމުން ނިންމުންތައް ނިންމާއިރު ރައްޔިތުން އިސްކުރަންވީ ޤައުމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިންގެ ރީތި އާދަތައް ނެތިދާން ފެށީ ސިޔާސީ އޮއިވަރުގެ ސަބަބުން ކަމަށާއި، އިޚްތިރާމް އަދާކުރުމުގެ ރީތި އާދަ ނެތުނީ ރާއްޖެއަށް ސިޔާސީ ނިޒާމު އައި ވަގުތު، ބަޔަކު ޤައުމުގެ އިސްވެރިންގެ އަބުރު ގެއްލުވާލުމަށް ރޭވިގެން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އިސްލާމްދީނާ، ދިވެހިންގެ އާދަކާދައާއި ދިމާ އިދިކޮޅަށް ކުރާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"ފިކުރީގޮތުން ދިމާ އިދިކޮޅު ފަނާކުރުވަނިވި ފިކުރުން ޤައުމު ހިންގި ކޮންމެފަހަރަކު އިސްކުރީ ޤައުމެއް ނޫން. ބައެއް ފަހަރު ދީނާ ޚިލާފުކަންކަން ހިނގާފައި އެބަހުރި. ސައްތަން ސައްތައިން ސައްތަ އިސްލާމް ދީނުގެ ދިފާއުގައި ދިވެހިން އެއްވާންޖެހުނީ ކަންތައްތަކެއްވީމަ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ ޕީއެންސީއާއި އެހެނިހެން ފިކުރުތަކާ ހުރި ތަފާތު ދެނެގަތުމަށް އަޅާކިޔުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް ވިސްނުމުން ޕީއެންސީއަކީ އަދުލުވެރިކަމާއި، އިންސާފާއި، އިޚުލާސްތެރިކަމުގެ ޕާޓީކަން ހާމަވާނެ ކަމަށާއި، ޕީއެންސީން އަބަދުވެސް އިސްކޮށްފައިވާނީ ޤައުމަށް ފައިދާހުރި ގޮތް ކަމަށް ވިދާޅުވިއެވެ. އަދި ޕީއެންސީއަކީ ބިނާކުރުމުގެ ފިކުރުގެ މަތީގައި ދެމިއޮތް ހަމައެކަނި ޕާޓީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ޕީއެންސީ ކުރިއަށްދާނީ މި ފަލްސަފާގެ މަތީގައި. އެހެންވެ އަޅުގަނޑުމެން ތެރޭގައި އެކުވެރިކަން އޮތީ. މި ސަފުތައް އެހާ ބަދަހީ،" ކަމަށެވެ.

ޕީއެންސީގެ ފިކުރަކީ ޒިންމާދާރުކުރުމުގެ ސިޔާސަތުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ޤައުމު އިސްކުރާ ބަޔަކު ޕީއެންސީގެ ފަލްސަފާއާ ދެބަސް ނުވާނެ ކަމަށާއި ސަރުކާރުން ކުރާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިސް ކަންކަން ފަށަން ޖެހުނީ ސުމަކުން ކަމަށާއި، ޤައުމު އޮތީ އިޖުތިމާޢީ އަނދަވަޅަކަށް ވައްޓާލާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ދަރަނިދެއްކުމާއި، ސިޔާސީ ފިކުރު މިނިވަންކަމާއެކު ބޭނުންކުރުމާއި، އަދުލުވެރިކަން ފުރިހަމަ މާނާގައި ޤާއިމްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ތަފާތު ކުށްތައް ހުއްޓުވުމަށާއި ކޮރަޕްޝަން ނައްތާލައި، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި ދިފާޢީ ރައްކާތެރިކަން ވަރުގަދަކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ޕީއެންސީގެ މެންބަރުންގެ އަދަދު 80،000 އަށްވުރެ މައްޗަށް އަރާފައިވާކަން ރަސްމީކޮށް ހާމަކުރައްވާފައެވެ. އަދި ޕާޓީގެ މެންބަރޝިޕް އިތުރުވުމަކީ އެ ޕާޓީގެ މަސައްކަތްތަކަށް ލިބޭ ހިތްވަރެއް ކަމަށާއި، މިއިން ދޭހަކޮށްދެނީ ޕާޓީގެ ފަލްސަފާއަށް ރައްޔިތުންގެ އޮތް އިތުބާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.