ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ލީޑަރޝިޕް ރަސްމީކޮށް އެކުލަވާލައި، އެކި މަގާމުތަކަށް އިންތިހާބުވި ބޭފުޅުން މިއަދު ހުވާކުރައްވައިފިއެވެ. މި ބޭފުޅުން މަގާމުގެ ހުވާކުރެއްވީ އެ ޕާޓީގެ މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

ޕީއެންސީގެ ލީޑަރޝިޕްގެ އިސް މަގާމުތަކަށް ބަލާއިރު، ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފް، ޕީޖީ ލީޑަރު އިބްރާހީމް ފަލާހް، އަބްދުﷲ ރާފިއު، އަހުމަދު ޝިޔާމް، ފާތިމަތު ސައުދާ، އިބްރާހީމް ޝުޖާއު، މުހައްމަދު ސައީދު އަދި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. މީގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އަލްއުސްތާޒް މޫސާ ފަތުހީ އާދަމް ހުންނެވި އިރު، ޑެޕިއުޓީ ސެކްރެޓާރީ ޖެނެރަލަކީ މުހައްމަދު ލަމްޢާން އެވެ. އަދި ހަޒާންދާރަކީ ހުސެއިން ފަހުމީ އެވެ.

Ad
rt

ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕްގައި ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓަރ އަބްދުﷲ ނާސިފް، މިނިސްޓަރ މުހައްމަދު އަމީން، މިނިސްޓަރ ގީލާ އަލީ، މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް، މިނިސްޓަރ މުހައްމަދު ތަލާލް އަދި ސަފީރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ. އަދި ކުންފުނިތަކުގެ ވެރިންގެ ތެރެއިން ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް، މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު އަދި މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ހިމެނިވަޑައިގެންފައެވެ.

މަތީ މަޖިލީހުގައި އަންހެން މެންބަރުންގެ ގޮތުގައި މަރްޔަމް ޝިއުނާ، ޝެރީނާ އަބްދުއްސަމަަދު، އާއިޝަތު މުހައްމަދު، ފާތިމަތު ރުހުސާނާ، ފާތިމަތު މިޒުނާ، ފާތިމަތު މުހައްމަދު، އާސިޔަތު ރިޔާސާ، އާމިނަތު ނަމްޒާ، އާމިނަތު ޝުހުދާ އަދި މަރިޔަމް ސާމިޔާ އިންތިހާބުވެފައިވެއެވެ. އަދި ޒުވާނުންގެ ތެރެއިން ސިމާން ހާދީ، މަލްޝާ ޝަރީފް، އިބްރާހީމް އަދްޔާން ނިމާލް، އިސްމާއީލް ރިފާއު، ލުޖައިނުﷲ ޒުހައިރު، ހައްމާދު ރަޝީދު އަދި މުހައްމަދު އަސީލް ވަނީ އިންތިހާބުވެފައެވެ. މީގެ އިތުރުން އާއްމު މެމްބަރުންގެ ގޮތުގައި 18 ބޭފުޅަކު ވަނީ މަތީ މަޖިލީހަށް އިންތިހާބުވެ ހުވާކުރައްވާފައެވެ.

ޕާޓީގެ ގޮފިތަކަށް ބަލާއިރު، އަންހެނުންގެ ކޮމިޓީގެ ހިންގާ ކޮމިޓީގެ ރައީސާއަކަށް ހީނާ ވަލީދު، ނައިބު ރައީސާއަކަށް އައިމިނަތު ހުސެއިން ޝަރީފް، ސެކްރެޓަރީ ޖެނެރަލަކަށް އާމިނަތު ނާސިހާ އަދި ހަޒާންދާރަކަށް އާމިނަތު ޝިޒްލީން ވަނީ އިންތިހާބުވެފައެވެ. ޒުވާނުންގެ ކޮމިޓީގެ ރައީސަކަށް އިބްރާހީމް އަބާން އަބްދުއްލަތީފް، ނައިބު ރައީސަކަށް ހަސަން ޝަހީދު، ސެކްރެޓަރީ ޖެނެރަލަކަށް އިސްމާއީލް އަޒްމީ އަދި ހަޒާންދާރަކަށް އިސްމާއީލް ރިފާއު ވަނީ ހޮވިވަޑައިގެންފައެވެ.

މި ބޭފުޅުންގެ އިތުރުން، ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން، ޑެޕިއުޓީ ޕީޖީ ލީޑަރުން ކަމުގައިވާ މުހައްމަދު އިސްމާއީލާއި މުހައްމަދު ޝާހިދު، ސްޓިއަރިން ކޮމިޓީތަކުގެ ރައީސުން، އަދި ރަށްތަކާއި ދާއިރާތަކުގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތަކުގެ ރައީސުން ވެސް ވަނީ މިއަދުގެ ޖަލްސާގައި މަގާމުގެ ހުވާކުރައްވާފައެވެ.