ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިރޭ އަރުވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ޕާޓީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

Ad
rt

މި ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ، ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން ޤަރާރެއް ފާސްކުރުމަށް ފަހުއެވެ.

މި ޤަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފައިވަނީ 1,119 މެންބަރުންގެ އިއްތިފާގުންނެވެ. ރައީސް ޑރ. މުޢިއްޒަށް ރިޔާސީ ޓިކެޓް ދެއްވުމަށް އެދި މަތީ މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެކެވެ.

މި ޤަރާރު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން، އެމަނިކުފާނަށް ދެވަނަ ދައުރެއް ފެންނާތީ ކަމަށްވެސް ބުނެފައިވެއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް މިރޭ އަރުވާފައިވާއިރު، އެމަނިކުފާނަށް އެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތް ކުރުމަށް ޕީއެންސީގެ މަތީ މަޖިލީހުގެ މެންބަރުން ވަނީ އިޤުރާރުވެސް ވެފައެވެ.