ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ވޭޕް ކާޓްރިޖުތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ހުރާ/ސާނީވިލާ، ހުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި/ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ) އަދި ސ. ހުޅުދޫ/ރޭޝަމް، މުހައްމަދު ނާހިލް (25އ) އެވެ. މި ތިން މީހުންނަކީވެސް މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކުރި މީހުންނެވެ.

Ad
rt

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި ތިން މީހުންގެ ބަންދަށްވެސް އިތުރު 30 ދުވަސް ވަނީ ޖަހައިފައެވެ. އަދި މި އެންމެންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އެ މީހުން ހައްޔަރުކުރި ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެހެނިހެން ތަކެތި ވަނީ އަތުލައިގަނެފައެވެ. އެގޮތުން 1.7 ކިލޯގެ ޑްރަގުގެ އިތުރުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖު އެ ތަނުން ފެނިފައިވެއެވެ.

މީގެއިތުރުން، އެ މީހުން ހައްޔަރުކުރި ތަނުން 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއްވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުތަކުން އެނގެއެވެ.

މި މީހުން ހައްޔަރުކުރުމަށްފަހު، ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝާވިން އާއި އިޝާ 15 ދުވަހަށް އަދި ނާހިލް ފަސް ދުވަހަށް ބަންދުކުރުމަށް މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ.