ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގެ ދަށުން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސްވެސް މިހާރު ވަނީ އިންދާފައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާތަނަށް މުޅި ޖުމްލަ 2،040،866 ގަސް އިންދާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން 1 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ރަށްރަށުގެ އިތުރުން ރިސޯޓްތަކުގައިވެސް ގަސް އިންދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ރިސޯޓްތަކުން އެކަނިވެސް 1.4 މިލިއަން ގަސް އިންދުމަށް ވަނީ ރާވާފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަށް ބޭނުންވާ ގަސް ހައްދަން ލ. ގަމުގައި ހާއްސަ ދެ ނާސަރީ ތަރައްގީކުރުމަށް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. މި މަސައްކަތުގެ ދަށުން ގަމުގައި 20،000 އަކަފޫޓުގެ ނާސަރީއަކާއި 100،000 އަކަފޫޓުގެ ނާސަރީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55،000 އަކަފޫޓުގެ ނާސަރީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށްވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ގަސް އިންދުމުގެ މި މަޝްރޫއުގައި ކައުންސިލްތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެމްބަސީތަކުންވެސް ބައިވެރިވެ، އެހީތެރިކަން ދެމުންއާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!