ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް 'އީ-ފާސް' ތަޢާރަފްކުރުމާއެކު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާމެދު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ވަކިކުރުމުގެ މައްސަލަ ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި އެކި ދުވަސްވަރު ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އެއިރެއްގެ ޙާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާޙީ ބަދަލުތައް ގެނެސްފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އީސީން ބުނި ގޮތުގައި، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް އީ-ފާސް ތަޢާރަފްކުރުމުން އެ ނިޒާމު ވެގެންގޮސްފައިވަނީ އާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށެވެ. މިހާރު ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފައެވެ. އެހެންކަމުން މިއީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި، ފަރުދީ މިނިވަންކަމާއި އިޚްތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއް ކަމަށް އީސީން ފާހަގަކުރެއެވެ.
މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އީސީއަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި ހަޤީޤަތް އޮޅޭގޮތަށް، އާންމުންގެ މެދުގައި ކޮމިޝަނަށާއި މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީއެންއެފުން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އީސީން ވަނީ ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް ނަޞޭޙަތްތެރިވެ އިލްތިމާސްކޮށްފައެވެ. އީސީން މި ބަޔާން ނެރެފައިވަނީ، ޕީއެންއެފްގެ މެންބަރުން ވަގަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދާ ކަމަށް ތުހުމަތުކޮށް، އީސީގެ ރައީސް މުހައްމަދު ޝަކީލްގެ މައްސަލަ ޕީއެންއެފުން ފުލުހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ޝަކީލްގެ މައްޗަށް ޕީއެންއެފުން ކުރާ ތުހުމަތުތަކުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުން ހިމެނެއެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅުއްވުމަށްފަހު ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، އެ ޕާޓީން ވަކިކުރި 2،500 މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަކިކުރީ ވަޒީފާގެ ބިރުދައްކައިގެންނާއި މެންބަރުންނަށް ނޭނގި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރު މުޅިން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، 2023 ވަނަ އަހަރު ޕީއެންއެފްގައި އޮތް މީހަކު، ތާރީޚު އޮޅުވާލައިގެން 2019 ވަނަ އަހަރު ޕީއެންސީއަށް ވައްދާފައިވާ ކަމުގެ މިސާލެއްވެސް މަލީހު ވަނީ ނަންގަވާފައެވެ.
އީސީގެ ޑޭޓާ ބޭސްގެ ސައްހަކާމެދު ސުވާލު އުފެދިފައިވާތީ، ފުލުހަށް ހުށަހެޅި މައްސަލައިގައި ޑޭޓާ ބޭސްގެ ފޮރެންސިކް އޮޑިޓެއް ހަދައިދިނުމަށް ޕީއެންއެފުން ވަނީ އެދިފައެވެ. މީގެއިތުރުން މި މައްސަލަ ތަހުގީގުނުކޮށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ޕީއެންސީއަށް ފައިސާ ދޫކޮށްގެން ނުވާނެ ކަމަށްވެސް މަލީހު ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!