ށ. ފީވަކުގައި 300 ފޫޓުގެ ދިގުމިނުގެ މަސް ޖެޓީއެއް އެޅުމަށް ބޭނުންވާ ކުރެހުންތަކާއި، ބީއޯކިއު އަދި ތިމާވެށްޓަށް ކުރާނެ އަސަރުތަކުގެ ރިޕޯޓް (އީއައިއޭ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފީވަކު ކައުންސިލް އިދާރާއިން އިޢުލާންކޮށްފިއެވެ.

ފީވަކު ކައުންސިލުން އާންމުކުރި އިޢުލާނުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 300 ފޫޓުގެ ދިގުމިނާއި 40 ފޫޓުގެ ޓީ-ޖެޓީއެއް އެކުލެވޭ ގޮތަށް ފުރިހަމަކުރެވޭ މަސް ޖެޓީއެކެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރެހުންތަކާއި ކޮންސެޕްޓް ޑިޒައިން، ބީއޯކިއު އަދި އީއައިއޭ ރިޕޯޓް ތައްޔާރުކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިހާރު ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 20 ސެޕްޓެންބަރު 2026 އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން 24 ސެޕްޓެންބަރު 2026 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ފީވަކު ކައުންސިލް އިދާރާއަށް ދުރުވެ ހުށަހެޅޭނެއެވެ. އަދި ކައުންސިލްގެ އީމެއިލް (info@feevaku.gov.mv) މެދުވެރިކޮށް މެއިލް ކުރުމުންވެސް ފޯމު ބަލައިގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މިފަދަ ޖެޓީތައް ރާއްޖޭގެ ބައެއް ރަށްރަށުގައި މިފަދަ ޖެޓީތައް އަންނަނީ ތަރައްޤީ ކުރަމުންނެވެ. އެގޮތުން ރ. ރަސްގެތީމުގައި މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އެޅި، "ދަ ކިންގްސް ޖެޓީ" އަކީ ރާއްޖޭގައި މިގޮތައް ފާހަގަކޮށްލެވޭ މަސް ޖެޓީ ކޮންސެޕްޓެކެވެ. މީގެ އިތުރުން "މަނަދޫ ނާމަގު ޖެޓީ" ޖެޓީއަކީ އެ ރަށުގެ ކުދިބޮޑު އެންމެން ފޫހި ފިލުވާލަން މަސް ބާނަން ދާ ތަނެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ހެދި އެ ޖެޓީ އަކީ ނައިޓް ފިޝިންއަށް ދޯނިތަކުގައި ދިއުމުގެ ބަދަލުގައި މިހާރު އާއިލާގެ އެންމެންނާއި ރައްޓެހިންނާ އެކު ދަނީ ޖެޓީ ކައިރިއަށް ދޮށި އުކާށެވެ.

އެ ޖެޓީތަކުގައި ހުރެގެން ފަރު މަހުގެ އެކި ބާވަތްތަކުގެ އިތުރުން ކަނޑު މަސް، ލައްޓި, ރާގޮނޑި ފަދަ މަސް ވެސް ބޭނޭ ކަމަށް އެ ރަށްރަށު މީހުން ބުނެއެވެ.