ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަަކަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދުއެވެ. މެލޭޝިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ އޮފް މެލޭޝިއާ ޖޯހަރީ އަބްދުލް ޤަނީއެވެ.

ދީނީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި މެލޭޝިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ އޮފް މެލޭޝިއާ ޖޯހަރީ އަބްދުލް ޤަނީއެވެ.

މި ދަތުރުފުޅުގެ ތެރެއިން، މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.