ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިނަށް، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މައްސަލައެއް އާންމުން ހުށަހަޅައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮޓްލައިން މެދުވެރިކޮށް ލިބުނު މެސެޖުތަކުގެ ތެރޭގައި ހިމެނެނީ ބޭރުފައިސާގެ ވިޔަފާރިކުރާ 27 ބިދޭސީއެއްގެ މައުލޫމާތާއި، ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ 18 ތަނަކާ ގުޅޭ މައުލޫމާތެވެ. މީގެ އިތުރުން، ގަވައިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ 4 ތަނެއްގެ މައުލޫމާތާއި، މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

Ad
rt

މި މައުލޫމާތުތަކާ ގުޅިގެން އެޅުނު ފިޔަވަޅުތަކުގެ ތެރެއިން އެއް ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރިޕޯޓްކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ބޭރު ފައިސާއާ ގުޅުން ހުރި މައްސަލަތައް ހުށަހެޅުމަށް ފުލުހުން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރަކީ 9388733 އެވެ. އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ވެސް މި މައުލޫމާތުތައް ހިއްސާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ފަހުން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރާ ބިދޭސީންތަކެއް ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ހާމަކުރުމުގެ އިތުރުން ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ. މިދިޔަ މަހުގެ 24 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތަކުން ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި ފެތުރުން މަނާކޮށް، އެއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.