އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގެ "ގްރޫޕު ކޭ" ގައި ސްރީ ލަންކާ އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ކަށަވަރުކޮށްފިއެވެ.
މިޔަންމާގެ ތުވުނާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މި މެޗުން ހޯދި ފުރިހަމަ މޮޅާއެކު ރާއްޖެއިން ވަނީ މި ފޭސްއަށް ކަނޑައެޅި އަމާޒަށް ފުރިހަމައަށް ވާސިލްވެފައެވެ.
ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ގެ އިރުޝާދުގެ ދަށުން ނުކުތް ރާއްޖޭގެ ޓީމުން މެޗުގެ ކުރީކޮޅުން ފެށިގެން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ނައްސާހް އިބްރާހިމް ނާސިރާއި އަހްޒަމް ރަޝީދު (އަހު) އަށް ލިބުނު ފުރުސަތުތަކުގެ އިތުރުން ކެޕްޓަން މުޙައްމަދު އީލާން އިމްރާން ފޮނުވާލި ހަމަލާތައް ލަންކާގެ ކީޕަރު ޝާތިން ވަނީ ދިފާއުކޮށްފައެވެ.
ރާއްޖެއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ގޯލަކީ ނައްސާހް ފޮނުވާލި ހަމަލާއެއް ކީޕަރު ޝާތިން މަތަކުރުމުން ލިބުނު ރީބައުންސް ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކެޕްޓަން އީލާން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ދެވަނަ ހާފު ފެށިގެންވެސް ރާއްޖެއިން ވަނީ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އަދި މެޗުގެ 53 ވަނަ މިނެޓުގައި ލަންކާގެ ހިޖާޒީ އާއި ހަލިކް އަހުމަދު ފޮނުވާލި ނުރައްކާތެރި ހަމަލާތައް ރާއްޖޭގެ ކީޕަރު ޒަހުރާން ހަސަން ޒިޔާދު ވަނީ މަތަކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މުޙައްމަދު ސަމްހާން ފޮނުވާލި ހިތްގައިމު ހަމަލާ، ލަންކާ ގޯލުގެ ތިރީ ކަނަށް އަމާޒުވީ ކީޕަރު ޝާތިންގެ އަތުގައި ޖެހިފައެވެ.
ލަންކާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 63 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު މުހައްމަދު ފާރިގް، ރާއްޖޭގެ މުހައްމަދު ނައިސަމްއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު ލަންކާއިން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މީގެ ފައިދާ ނަގައި، މެޗުގެ 78 ވަނަ މިނެޓުގައި އަހްޒަމް ނަގައިދިން ކޯނަރަކުން ބޮލުން ފޮނުވާލި ހަމަލާއަކުން ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދިނީ މޮޅު ކުޅުމެއް ދެއްކި ނައްސާހެވެ. އަދި އޭގެ މިނެޓެއް ފަހުން، ކައުންޓާ އެޓޭކެއްގައި ކެޕްޓަން އީލާން ދިން ބޯޅައަކުން ރާއްޖޭގެ ހަތަރުވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނައްސާހެވެ.
މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 2-0 ގެ ނަތީޖާއަކުން ބުރޫނާއީ ބަލިކޮށްފައެވެ. ލަންކާގެ ފުރަތަމަ މެޗުން މިޔަންމާ އަތުން 4-0 އިން ބަލިވެފައިވުމުން، މިއަދުގެ މެޗަކީ މުބާރާތުގައި ކުރިއަށްދިއުމަށް އެޓީމަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ނަމަވެސް ރާއްޖެ އަތުންވި ބަލިއާއެކު ލަންކާގެ އުންމީދުތަކަށް ވަނީ މުޅިން ނިމުމެއް އައިސްފައެވެ.
މި ގްރޫޕުން ކޮލިފިކޭޝަން ފޭސްއިން ޖާގަ ކަށަވަރުކުރީ މިޔަންމާ އަދި ރާއްޖެއެވެ. ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން މިޔަންމާ ތާވަލުގެ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އަމިއްލަ ގައުމުގައި ކުޅެމުންދާ މިޔަންމާއާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!