މަނީ ޗޭންގް ކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭ އިން މި ފިޔަވަޅު އަޅާފައިވަނީ މާލީ އިދާރާތަކުން ހިންގާ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިންނެވެ. އެ ބަލައި ފާސް ކުރުމުގެ ތެރެއިން އެކްސްޕްރެސް މަނީ އެކްސްޗޭންޖުން ގަވާއިރާ ޚިލާފަށް އަމަލުކޮށްފައިވާކަން ފާހަގަވުމާ ގުޅިގެންނެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތްތާގައި ވެސް އެ އޮތޯރިޓީން ފިޔަވަޅު އަޅަމުންދާނެ ކަމަށް ބުނެފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި އެމްއެމްއޭގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ވެސް ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މިފަދަ މައްސަލަތަކަކީ ރާއްޖޭގެ މާލީ ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމާބެހޭ މުވައްސަސާތަކުން ހަރުკަށިކަމާއެކު ބަލަމުން އަންނަ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!