50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ފީ ނެގުމުގައި އިސްތިސްނާވާ ބާވަތްތަކުގެ ތެރޭގައި ހިމަނައި، ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ.
އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރި މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 65 މެމްބަރުންގެ ވޯޓާއެކު އޮގަސްޓް 12 ވަނަ ދުވަހުއެވެ. އެ ބިލް ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ އެއްވެސް ބަދަލެއް ނުގެނެސް ބިލު އޮތް ގޮތަށް ފާސްކުރުމަށެވެ. އަދި މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓެވެ.
މި ބިލުގައިވާ ގޮތުން 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް ކޮތަޅު ފީ ނެގުމުން އިސްތިސްނާވާނެއެވެ. މި އިސްލާހުގެ ސަބަބުން ވިޔަފާރިތަކުން ގަނޑުކޮށް ކޮތަޅު ގަންނައިރު ތަކުރާރުކޮށް ފީ ދައްކަން ޖެހޭ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ޖީއެސްޓީއަށް ރަޖިސްޓްރީނުވާ ތަންތަނުން ދޫކުރާ ކޮތަޅުން ވެސް ފީ ނަގާ ގޮތަށް ހަމަޖައްސައި، އެކަމާ ގުޅޭ ގަވާއިދު ހެދުން މިނިސްޓްރީއަށް ވަނީ ލާޒިމްކޮށްފައެވެ.
ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރާއިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތް ކުރަންވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުމުގެ އިތުރުން، ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާ ގުޅޭ މުހިންމު އިސްލާޙުތަކެއް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!