ޤައުމީ ދުވަހުގެ ބަތަލު އުތީމު މުޙައްމަދު ތަކުރުފާނުގެ ނަންފުޅަށް ނިސްބަތްކުރަށްވައި އެތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި ހަދާފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި މިއަދު ހުޅުވައިފިއެވެ.

މި ދޮރާށި ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް ކުރަށްވާ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަ އައިޓަނެއްގެގޮތުގައި އޮތީ މި ދޮރާށި ހުޅުވުމެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި

އުތީމު ބަނދަރު ސަރަހައްދުގައި އުތީމަށް ލެފުމާއެކު ރަށަށް އަރާމަގުގައި ހަދާފައިވާ މި ދޮރާއްޓަކީ އުތީމު ބޮޑުތަކުރުފާނުގެ ޖިހާދު ރަމްޒުކޮށްދޭ އަދި އެ ޖިހާދުގެ ހަނދާންތައް ދައްކުވައިދޭ ފަރުމާއެކެވެ. މި ދޮރާށީގެ މައިގަނޑު ހަ ތަނބު ފަރުމާކޮށްފައި ވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ފަރުމާ ނަކަލުކޮށްގެންނެވެ. މި ހަ ތަނބު ރަމްޒުކޮށްދެއްނީ ދިވެހިންގެ މިނިވަންކަމަށްޓަކައި ކަޅުއޮއްފުއްމީގައި ޖިހާދުކުރެއްވި ހަ ބަތަލުންނެވެ.

އުތީމު ތިންބެއިންގެ މަތިވެރި ޖިހާދާއިގުޅޭ ލިޔުންތައް ލިޔެފައިވާ މި ހަނދާނީ ދޮރާއްޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ޣާޒީ ބަންޑާރައިންގެ ތަރިކަ ދިރުވާއާލާކުރުމުގެ މަޝްރޫޢުގެ ފެށުންކަމަށް ސަރުކާރުން ބުނެއެވެ.