ހއ. ދިއްދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދިއްދޫގެ އަންހެން ބޭފުޅުންނަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަމައެކަނި ދިއްދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ.

Ad
rt

މި މުބާރާތަށް ހުޅުވާލައި ދިއްދޫ ކައުންސިލުންކޮށްފައިވާ ޢިއުލާންގައި ބުނެފައިވާގޮތުގައި މި މުބާރާތުގައި ބައިވެރި ވެވޭނީ، ދިއްދޫ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން މުބާރާތް އިންތިޒާމް ކުރާ ކޮމިޓީން ދޫކުރާ، ޓީމް ރަޖިސްޓްރީ ކުރާ ފޯމާއި، ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޓީމް ރަޖިސްޓްރީ ކުރާ ފޯމް ހުށަހަޅަންޖެހޭ ސުންގަޑި އަކީ 16 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ހުށަހަޅަންޖެހޭ ސުންގަޑި އަކީ 30 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.

މުބާރާތުގައި ޓީމް އަދި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް، ލޭޓް ސަބްމިޝަންއެއްގެ ގޮތުގައި 1500.00 ރުފިޔާގެ ފީއެއް ދެއްކުމަށްފަހުގައި އަލުން ހުށަހެޅޭނީ 2 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00އަށް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރާ ފޯމަށް ބަދަލު ގެނެވޭނީ 500.00 ރުފިޔާގެ ފީއެއް ދެއްކުމަށްފަހުގައި ކަމަށް މުބާރާތުގެ އުޞޫލުގައި ހިމަނާފައިވެއެވެ.

މި މުބާރާތުގައި ސްކޫލް ކުދިންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު އޮތްކަމަށް އެ ކައުންސިލުން ބުނެއެވެ. ނަމަވެސް ސްކޫލް ކުދިންނަށް ބައިވެރިވެވޭނީ، މުބާރާތުގައި އެ ކުއްޖެއް ކުޅުމާމެދު އެ ކުއްޖެއްގެ ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތް ކަމުގެ ސިޓީ، ޓީމު ލިސްޓާ އެކު ހިންގާކޮމެޓީއަށް ހުށަހެޅުމުންކަމުގައި އެ ކައުންސިލްވަނީ މަޢުލޫމާތު ދީފައެވެ.

ދިއްދޫ ހޭންޑްބޯޅަ މުބާރާތުގައި ހޮވޭ ވަނަތަކާއި މަޤާމުގަތުގެ އިތުރުން، ފައިސާގެ އިނާމު ދިނުމަށް ކައުންސިލުންވަނީ ހަމަޖައްސާފައެވެ.

އެގޮތުން:

  • މުބާރާތުގެ ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީ
  • މުބާރާތުގެ އެންމެ މޮޅު ކޯޗަށް ދޭ ޓްރޮފީ
  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ 1500.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
  • މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ދޭ 1000.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
  • މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ދޭ 1000.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ
  • މުބާރާތުގެ ޗެމްޕިއަން ޓީމް
  • މުބާރާތުގެ ރަނަރަޕް ޓީމް
  • މުބާރާތުގެ ފެއާޕްލޭ ޓީމް

މީގެ އިތުރުން މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާއިރު، އެ މުބާރާތުގެ ރަނަރަޕް ޓީމަށް 7500.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އަދި ފެއާޕްލޭޓީމަށް ދިނުމަށް ކަނޑައަޅާފައިވަނީ 3000.00 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީކަމުގައި އެ ކައުންސިލުން ބުނެއެވެ.

ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 4 ސެޕްޓެމްބަރ 2026ގައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޓީމް ރަޖިސްޓްރީ ކުރާ ފޯމާއި، ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކޮށް، އެ އިދާރާގެ info@hadhidhoo.gov.mv މެއިލްއަށް މެއިލް ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ. އަދި މި ފޯމުތައް، އެ ކައުންސިލްގެ އިޢުލާނުގައި ވާ ލިންކް މެދުވެރިކޮށް ލިބެން ހުންނާނެކަމަށް ވެސް ދިއްދޫ ކައުންސިލުން ބުނެފައިވެއެވެ.