އުރީދޫ މޯލްޑިވްސް (އުރީދޫ) ގެ އަހަރީ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިޢުލާނުކޮށްފައިވާ ގޮތަށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމް (Truecaller Premium) ގެ ޚިދުމަތަށް ސަބްސްކްރައިބް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ޓްރޫކޯލާއާއެކު ވެވުނު މި ޚާއްސަ ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ބޭނުންކުރެވޭނެ މަގު ވަނީ ފަހިވެފައެވެ.

Ad
rt

އުރީދޫއިން ބުނި ގޮތުގައި، ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބޭނީ މަހަކު 150 ރުފިޔާއަށެވެ. މި ޚިދުމަތުގެ ފީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަހު ބިލަށް އިތުރުކުރެވޭއިރު، ޕްރީޕެއިޑް ކަސްޓަމަރުންގެ ބެލެންސް އިން ސީދާ އުނިކުރެވޭނެއެވެ. މި ޚިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި އުރީދޫ އެޕް ހުޅުވާލުމަށްފަހު 'ހޮޅުއަށި' ސެކްޝަނަށް ގޮސް 'ޓްރޫކޯލާ ޕްރީމިއަމް' އިޚްތިޔާރު ކުރެވޭނެއެވެ. މީގެ އިތުރުން ore.do/holhuashi ލިންކު މެދުވެރިކޮށްވެސް މި ޚިދުމަތަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޚިދުމަތާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝާދީ ޤަވާސްމީ ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއި، ހަމަޖެހުން ގެނެސްދޭ ފީޗަރުތަކާއެކު ޓްރޫކޯލާގެ ޕްރީމިއަމް ތަޖުރިބާ ފޯރުކޮށްދެވޭތީ އުފާކުރައްވާ ކަމަށެވެ. "މި އެއްބަސްވުން ރަމްޒުކޮށްދެނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ރައްކާތެރި، ވިސްނުންތެރި އަދި ފަސޭހަކޮށްދޭނެ އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.

ޓްރޫކޯލާގެ ވައިސް ޕްރެޒިޑެންޓް ޕްރީމިއަމް ޕްރޮޑަކްޓްސް ޒޭވިއާ ޓްރޫވޭ ވިދާޅުވީ، އުރީދޫއާ ގުޅިގެން ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. ދެ ކުންފުނި ގުޅިގެން، އިތުބާރުހުރި ގޮތެއްގައި ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް އަދި އޮޅުވާލައިގެން ކުރާ ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދީ، މީހުންގެ މުއާމަލާތްތައް އިތުރު އިތުބާރާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޕާޓްނަޝިޕާއެކު، އުރީދޫގެ 'ހޮޅުއަށި' އިތުރަށް ފުޅާވެ، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މައި މަރުކަޒަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، އީޖާދީ އަދި ރައްކާތެރި ޑިޖިޓަލް ތަޖުރިބާތަކެއް މެދުވެރިކޮށް 'ޑިޖިޓަލް މޯލްޑިވްސް' އެއް ބިނާކުރުމަށް އުރީދޫއިން ގެންގުޅޭ ތަޞައްވުރަށްވެސް މިކަމުގެ ސަބަބުން ބާރު ލިބިގެންދާނެއެވެ.

މުޖުތަމައުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި، ސްޕޭމް އަދި ނޭދެވޭ ކޯލްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޓްރޫކޯލާ ޕްރީމިއަމްގެ އެޑްވާންސް ފީޗަރތަކުގެ އެހީގައި ކަސްޓަމަރުންނަށް އެފަދަ ކޯލްތަކާއި މެސެޖުތައް ފުރިހަމައަށް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ބައެއް މުހިންމު ފީޗަރތައް:

• އެޑްވާންސްޑް ސްޕޭމް އެންޑް ސްކޭމް ޕްރޮޓެކްޝަން: އޮޅުވާލައިގެން ކުރާ ކޯލްތަކާއި އުނދަގޫކުރާ ކޯލްތަކާއި އެސްއެމްއެސްތައް ރިއަލް-ޓައިމްގައި ބްލޮކްކުރުން.
• ހޫ ވިއުޑް މައި ޕްރޮފައިލް: ޓްރޫކޯލާ ޕްރޮފައިލް ބެލި ފަރާތްތައް ދެނެގަތުން.
• އިންކޮގްނިޓޯ މޯޑް: އެހެން މީހުންނަށް ނޭނގޭ ގޮތަށް ސިއްރުން ޕްރޮފައިލްތައް ބެލުން.
• ކޮންޓެކްޓް ރިކުއެސްޓްސް: ޓްރޫކޯލާ ބޭނުންކުރާ އެހެން ފަރާތްތަކުގެ ކޮންޓެކްޓް މަޢުލޫމާތަށް އެދުން.
• އެޑް-ފްރީ އެކްސްޕީރިއަންސް: އިސްތިހާރާއި ނުލާ އެޕްލިކޭޝަން ބޭނުންކުރުން.
• ޕްރީމިއަމް ބެޖް: ކަށަވަރުކުރެވިފައިވާ ޕްރީމިއަމް ޕްރޮފައިލަކާއެކު ޚާއްސަ ބެޖެއް ލިބުން.