އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ވެސް ރިޔާސީ ކެމްޕޭންގައި މީހުން ލައްވާ ބަޑިޖައްސުވައި މަކަރުވެރިކަންކަން ކުރެއްވިކަމުގެ ތުހުމަތުއޮތް ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ މިޒާޖުގައި މަކަރުވެރިކަމަކީ ހުރި ސިފައެއްކަން އެކިފަހަރުމަތިން ވަނީ ސާފުވެގެން ގޮސްފައެވެ. މިފަހަރު މިއޮތީ އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކްލަބެއްގައި ބޭއްވި މުބާރާތަކުން މޮޅުވިކަން އިޢުލާން ކުރަށްވައި ހެއްދެވި ބޮޑު މަކަރެއްގެ ވާހަކައެވެ.

އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކްލަބެއްގައި ބޭއްވި މުބާރާތަކުން މޮޅުވިކަން އިޢުލާން ކުރަށްވައި ކުޅިވަރުގައި ވެސް ހައްދަވަނީ މަކަރުކަމުގެ ބޮޑެތި ތުހުމަތުތަކެއް އަނެއްކާވެސް އަމާޒުވެފައިވާއިރު، މި މައްސަލަ ހޫނުވީ ނިއު ޖާޒީގެ ބެޑްމިންސްޓާގައި ހުންނަ ޓްރަމްޕް ނޭޝަނަލް ގޯލްފް ކްލަބުގައި ބޭއްވި ސީނިއާ މެންސް ކްލަބް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެއްވި ކަމަށް ވިދާޅުވެ، އެމަނިކުފާނު އާންމުކުރެއްވި ވީޑިއޯއަކާ ގުޅިގެންނެވެ.

Ad
rt

އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ބޭއްވި މި މުބާރާތަށްފަހު ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' އެކައުންޓުގައި ވިދާޅުވެފައިވަނީ، ރިޔާސީ ކެމްޕޭނުގެ މަސައްކަތްތަކާ ހުރެ ފަރިތަކުރުންތަކަށް ވަގުތު ނުލިބުނު ނަމަވެސް 70 ގެ ސްކޯއަކުން މުބާރާތް ކާމިޔާބު ކުރެއްވި ކަމަށެވެ.

"މިއީ ހުނަރަކީ، އަހަރެންގެ ކިބައިގައި އެ ހުނަރު އެބަހުރި، އެމީހުންގެ ކިބައިގައި ނެތް،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ނަމަވެސް، މުބާރާތް ކާމިޔާބު ކުރި 'ވިނިންގް ޝޮޓް' ކަމަށް ބުނެ އާންމުކުރި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ސޯޝަލް މީޑިއާ ޕްލެޓް ފޯމް ''އެކްސް'' ގައި ބައެއް މީހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޅަ ދިޔަ ގޮތް ވަރަށް އާދަޔާ ހިލާފު ކަމަށާއި، އެއީ ސައްހަ ވީޑިއޯއެއް ނޫން ކަމަށް ބެލެވޭ ކަމަށެވެ. ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕަކީ "ބަލި ގަބޫލުނުކުރާ، މަކަރުވެރިއެއް" ކަމަށް ސިފަކޮށްފައެވެ.

ޓްރަމްޕްގެ ގޯލްފް ކުޅުމުގެ އާދަތަކާ ބެހޭގޮތުން ކުޅިވަރު ނޫސްވެރިޔާ ރިކް ރެއިލީ ވަނީ "ކޮމާންޑަރ އިން ޗީޓް" ގެ ނަމުގައި ފޮތެއްވެސް ލިޔެފައެވެ. އެ ފޮތުގައިވާ ގޮތުން، ޓްރަމްޕް ކުޅޭއިރު ބޯޅައަށް ފައިން ޖަހައި މަގު ބަދަލުކުރާތީ، ބައެއް ކްލަބްތަކުގެ ކެޑީން އެމަނިކުފާނަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ 'ޕެލޭ' ގެ ނަމުން މުހާތަބު ކުރެއެވެ.

މި ހުރިހާ ތުހުމަތުތަކެއް ޓްރަމްޕް އަބަދުވެސް ދޮގުކުރައްވައެވެ. ބެޑްމިންސްޓާ މުބާރާތުގައި ޓްރަމްޕް ގަވާއިދާ ހިލާފުވި ކަމުގެ އެއްވެސް ރަސްމީ ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އެމަނިކުފާނު މިހާތަނަށް ވަނީ އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކޯސްތަކުގައި ބޭއްވި 40 އަށްވުރެ ގިނަ ކްލަބް ޗެމްޕިއަންޝިޕް ކާމިޔާބު ކުރައްވާފައެވެ.