ހދ. ކުޅުދުއްފުށީ ސިޓީގެ ތިލާގައި ''ޝިޕް ވްރެކް''އެއް (shipwreck) ގާއިމުކުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރަށްވަމުންނެވެ.
މިގޮތުން ބަޖެޓްގައި އަލަށް ހިމެނިކަންކަމުގެ ތެރެއިން އެއް ކަމަކީ ކުޅުދުއްފުށީ ތިލާގައި ''ޝިޕް ވްރެކް''އެއް ހެދުންކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެކަމުގެ ބޭނުމަކީ ކުޅުދުއްފުށީ ސިޓީއާއި އެ ސަރަހައްދުގައި ފަތުރުވެރިން ގަޔާވާނެ ތަންތަން އުފެއްދުންކަމަށް ވިދާޅުވިއެވެ.
''އަލަށް ހިމެނި ކަންކަންމުގެ ތެރޭގައި މި ސަރަހައްދުގައި ނުވަތަ ކުޅުދުއްފުށީ ތިލާގައި ޝިޕް ވްރެކެއް ހަދަން އަޅުގަނޑުމެން ހިމެނިން، އެއީ ޓޫރިސްޓް އެޓްރެކްޝަންްއެއް ނުވަތަ ޓޫރިސްޓުން ޝައުޤުވެރިވާނެ ތަންތަން މި ސަރަހައްދުގައި އުފެއްދމަށްޓަކައި،'' މޭޔަރު ވިދާޅުވެފަވެއެވެ.
މޭޔަރު ވިދާޅުވީ މަސައްކަތް ކުރަށްވަނީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް، ފުދުންތެރިކަން އިތުރުކުރަން ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް ނުވަތަ އެ ސަރަހައްދަށް ފަތުރުވެރިން އެރުވޭނެ ގޮތްތައް ފަހިކުރުމަކީ އަމާޒުކަމަށް ވެސް ވިދާޅުވިއެވެ.
''އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށްޓަކައި، ފުދުންތެރިކަން އިތުރުކުރަން، ކުޅުދުއްފުއްޓަށް ނުވަތަ މި ސަރަހައްދަށް ފަތުރުވެރިން އެރުވޭނެ ގޮތްތައް ފަހިކުރުން،'' މޭޔަރު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ހުރި ގަރުނަކަށްވުރެ ގިނަ ދުވަސްވީ ތާރީޚީގެ ''ތަރިޖެހިގެ ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފެންނާނޭ އާސާރެއް ފަދަ ގޮތަކަށް ތަރައްގީ ކުރުމަށް އަލަށް ބަޖެޓްގައި ހިމަނާފާވާނެކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!