ޣައްޒާގެ ސުންނާފަތިވެފައިވާ އިމާރާތެއްގެ ފާރުގައި، އެ ސިޓީގެ ކުޑަ އަންހެން ކުއްޖަކު ކުރެހި އޭނާގެ ތަަސްވީރެއް ފެނިވަޑައިގަތުމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއަށް ވަރަށް ބޮޑަށް އަސަރުކޮށް، އެކަމަށް ޖަޒުބާތީ މެސެޖެއް ދެއްވައިފިއެވެ.
ލަޔާން ނަމަކަށް ކިޔާ މި ކުއްޖާ، ޣައްޒާގެ ބައެއް ކުރެހުންތެރިންނާ ގުޅިގެން ކުރެހި މި ފާރު ކުރެހުމުގައި ބޮޑުވަޒީރު ސަންޗޭޒްގެ ސޫރައިގެ އިތުރުން ސްޕެއިން އާއި ފަލަސްތީނުގެ ދިދަ ހިމަނާފައިވެއެވެ.
މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި، ސްޕެއިނާއި ފަލަސްތީނާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.
މި ހާދިސާ ފެށުނީ ޣައްޒާގެ ކުޑަ އަންހެން ކުއްޖެއް ކަމަށްވާ ލަޔާން އަލް-ޤައުޤާ، ބޮޑުވަޒީރު ސަންޗޭޒްގެ ސޫރަ ކުރަހާފައިވާ ފާރެއްގެ ކައިރީގައި ހުރެ އާންމުކުރި ވީޑިއޯއަކުންނެވެ. އަރަބި ބަހުންނާއި އިސްޕޭނު ބަހުން ވާހަކަދައްކަމުން ލަޔާން ބުނީ އެއީ ހަމައެކަނި ފާރުގައި ކުރަހާފައިވާ ކުރެހުމެއް ނޫން ކަމަށެވެ.
"މިއީ ހަމައެކަނި ކުރެހުމެއް ނޫން. އަހަރެމެން އެންމެން ވަރަށް ބުރަކޮށް މަސައްކަތްކުރީ ސްޕެއިންގެ ރައްޔިތުންނަށް އަހަރެމެންގެ މެސެޖު ފޯރުކޮށްދޭން ބޭނުންވާތީ،" ލަޔާން ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެ މުރާލް ކުރެހީ ލޯތްބާއެކު، ސްޕެއިނާއި އެ ގައުމުގެ ބޮޑުވަޒީރު ގެންގުޅުއްވާ އިންސާނީ ކަރާމާތުގެ ސިޔާސަތަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސްޕެއިން ކާމިޔާބު ކުރުމާ ގުޅިގެން މަރުހަބާ ކިޔަމުން ލަޔާން ބުނީ، ޣައްޒާގެ ރައްޔިތުން ބޭނުންވަނީ "ޣައްޒާގެ ހިތުގެ ފުންމިނުން" ސްޕެއިންގެ ރައްޔިތުންނަށް މަރުހަބާ ކިޔުމަށް ކަމަށެވެ.
"އަހަރެމެން އުއްމީދު ކުރަނީ މި ކުރެހުން ސްޕެއިންގެ ކޮންމެ ގެއަކަށް ފޯރުމަށް. ސަބަބަކީ މިއީ ލޯތްބާއި، އުއްމީދާއި، ޝުކުރުވެރިކަމާއެކު ކުރަހާފައިވާ އެއްޗަކަށް ވާތީ." ލަޔާން ބުނެފަވެއެވެ.
ބޮޑުވަޒީރު ސަންޗޭޒްގެ ޖަވާބު
ލަޔާންގެ ވީޑިއޯ އަށް ހަފްތާއެއް ނުވަނީސް، ބޮޑުވަޒީރު ސަންޗޭޒް ވަނީ ލަޔާންއަށް ޖަވާބު ދެއްވާފައެވެ. އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި އާންމުކުރި ވީޑިއޯއެއްގައި ސަންޗޭޒް ވަނީ ސީދާ ލަޔާންއަށް މުޚާތަބު ކުރައްވާފައެވެ.
"ލަޔާންއަށް ޝުކުރިއްޔާ. އަދި މި ރީތި މަސައްކަތް ކުރި ކުރެހުންތެރިންނަށް ވެސް ޝުކުރު ދަންނަވަން،" ސަންޗޭޒް ވިދާޅުވިއެވެ.
"މިހާ ބޮޑު ތަދާއި ކެކުޅުމުގެ ތެރޭގައި ވެސް، އަހަރެމެންނަށް ލޯތްބާއި ކުލުނު ފޮނުވުމަށް ވަގުތު ހޯދި ފަލަސްތީނުގެ ރައްޔިތުންނަށް ޝުކުރުވެރިވާ" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޣައްޒާގެ ކުޑަކުދިންނާއި އާއިލާތަކަށް މުޚާތަބު ކުރައްވަމުން ސަންޗޭޒް ވިދާޅުވީ، މުޅި ސްޕެއިންގެ މުޖުތަމައު ތިޔަ ކުދިންގެ އަޑު އަހާ ކަމަށާއި، ތިޔަ ކުދިންގެ ހާލަތު ދެކޭ ކަމަށާއި، އަދި ތިޔަ ކުދިންނާ މެދު ކަންބޮޑުވާ ކަމަށެވެ. ޣައްޒާގެ ކުދިންނަށް ބިރުވެރިކަމެއް ނެތި އަލުން ސްކޫލްތަކުގައި ކުރަހައި، އަމާންކަމާއެކު ބޮޑުވުމުގެ ފުރުސަތު ލިބޭނެ ދުވަހަކަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވަމުން، ސަންޗޭޒް ވީޑިއޯ ނިންމާލެއްވީ ސްޕެއިންގެ ފަރާތުން ފޮނުއްވި "ލޯބިވާ ބޮޑު ބައްދާލުމަކުން" ނެވެ.
"އަހަރެމެން ތިޔަ ކުދިން ދެކެމެވެ، ތިޔަ ކުދިންގެ އަޑު އަހަމެވެ، ތިޔަ ކުދިންދެކެ ލޯބިވަމެވެ، އަދި އަހަރެމެން ތިޔަ ކުދިން މަތިން ހަނދާނެއް ނައްތައެއް ނުލާނަމެވެ،" ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވިއެވެ.
ސަންޗޭޒް އިތުރަށް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ވޭނާއި ދަތިތަކުގެ ތެރެއިންވެސް މިފަދަ ލޯބިވެތި އިޝާރާތެއް ފެނުމުން އޭނާގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.
From Gaza to Madrid—and back again.
After Layan painted a mural of Spanish Prime Minister Pedro Sánchez, he responded with a message of solidarity for the Palestinian people.
Now, Layan shares her reaction.
Watch both videos. #Palestine #Spain #Gaza #PedroSanchez… pic.twitter.com/2r9SRQF8Sv
— The Palestine Chronicle (@PalestineChron) July 27, 2026
'އަހަރެމެންގެ ހިތްތައް ވަނީ ގުޅިފައި'
ބޮޑުވަޒީރުގެ މި މެސެޖާ ގުޅިގެން ލަޔާން ވަރަށް ބޮޑަށް އަސަރުކޮށް، އިތުރު ވީޑިއޯއެއް އާންމުކުރިއެވެ. "މިއީ ފުރަތަމަ ފަހަރު، ގައުމެއްގެ ބޮޑުވަޒީރަކު ޣައްޒާގެ ކުޑަކުއްޖަކަށް ޖަވާބު ދެއްވި ފަހަރު،" އޭނާ ބުންޏެވެ.
"އިއްޒަތްތެރި ބޮޑުވަޒީރުގެ ދުލުން 'ލަޔާން' މި ނަން ކިޔުއްވި އަޑު އިވުމުން އަހަންނަށް ގަބޫލެއް ނުކުރެވުނު." އޭނާ ބުނެފަވެއެވެ.
ސްޕެއިންގެ ރައްޔިތުންނަށާއި ބޮޑުވަޒީރަށް ޝުކުރު އަދާކުރަމުން ލަޔާން ބުންޏެވެ: "އަހަރެމެން ވާހަކަދައްކަނީ އެއް ބަހަކުން ނޫން ކަމުގައި ވިޔަސް، އަހަރެމެންގެ ކުލުނުވެރި ހިތްތައް ވަނީ ގުޅިފައި." މީގެ އިތުރުން ޣައްޒާއަށް އެހީތެރިވެދޭ އެންމެހާ ފަރާތްތަކަށް ވެސް އޭނާ ޝުކުރު އަދާކުރިއެވެ.
އެއްބައިވަންތަކަމުން އުފެދުނު ގުޅުމެއް
މި މުއާމަލާތް ހިނގާފައިވަނީ ސްޕެއިންގެ ވޯލްޑް ކަޕް ކާމިޔާބީއާ ގުޅިގެން ޣައްޒާގެ ރައްޔިތުން އުފާފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ފަލަސްތީނުގެ ގިނަ ބަޔަކަށް ސްޕެއިނަކީ މިހާރު ހަމައެކަނި ފުޓްބޯޅަ ޓީމެއް ނޫނެވެ. ޣައްޒާގެ ރައްޔިތުން ބުނާ ގޮތުގައި އެމީހުން ސްޕެއިނަށް ތާއީދުކުރަނީ ފަލަސްތީނުގެ މައްސަލައިގައި އެ ގައުމުން ގެންގުޅޭ ސާބިތު ސިޔާސީ އުސޫލުތަކުގެ ސަބަބުންނެވެ. އަދި ލަމީން ޔަމާލް ފަދަ ސްޕެއިންގެ ކުޅުންތެރިން ފާޅުގައި ފަލަސްތީނުގެ ދިދަ ބޭނުންކޮށް، އެއްބައިވަންތަކަން ހާމަކުރަމުންދާތީއެވެ.
ފަލަސްތީނާ މެދު ސްޕެއިންގެ ސިޔާސަތު
މި އަސަރުގަދަ މުއާމަލާތުން ރަމްޒުކޮށްދެނީ ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ސްޕެއިން އަދާކުރާ އިސް ދައުރެވެ. 2024 ވަނަ އަހަރުގެ މެއި މަހު، ސްޕެއިނުން ވަނީ އަޔަލޭންޑާއި ނޯވޭއާ އެކު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައެވެ.
ބޮޑުވަޒީރު ސަންޗޭޒް ގެންދަވަނީ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށާއި، މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.
ޣައްޒާގައި ހިނގަމުންދާ ނުބައި ގަތުލުއާންމުގެ ތެރޭގައި، ލަޔާންގެ މުރާލް ކުރެހުމާއި ސަންޗޭޒްގެ ޖަވާބަކީ ހަމައެކަނި ސޯޝަލް މީޑިއާގެ ވަގުތީ ކަމެއް ނޫނެވެ. އެއީ ހަނގުރާމައިގެ ސުންނާފަތީގެ ތެރޭގައި ވެސް، އިންސާނިއްޔަތުކަމުގެ މެސެޖުތައް ޣައްޒާގެ ކުނިބުނިތަކުގެ ތެރެއިން ގައުމުތަކުގެ އެންމެ މަތީ ވެރިންނާ ހަމައަށް ފޯރާކަން ހަނދާންކޮށްދޭ އަސަރުގަދަ މިސާލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!