އީރާނުގެ ކޮންމެ ރައްޔިތަކު މަރާލާ ކޮންމެ ފަހަރަކު، އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް ބުނެ އީރާނުން ހަނގުރާމައިގެ އާ ސިޔާސަތެއް އިޢުލާނުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އީރާނުގެ ހަނގުރާމައިގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ކަމަށްވާ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުﷲ އެވެ.
ޖެނެރަލް އަބްދުﷲ ވިދާޅުވީ މިއީ ކުރިއަށް އޮތް ތަނުގައި އީރާނުގެ އަސްކަރީ އޮޕަރޭޝަންތައް ބައްޓަންކުރާނެ "ސީދާ އަދި ރަސްމީކޮށް އަންގާފައިވާ އުސޫލެއް" ކަމަށެވެ. މި އިންޒާރާއެކު މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ތިބި އެމެރިކާގެ ސިފައިންނަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.
މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ދެއްވި އިންޒާރަކަށް ރައްދު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. ޓްރަމްޕް ވަނީ "އީރާނުން އެމެރިކާ ސިފައިންގެ މީހަކު މަރާލާ ކޮންމެ ފަހަރަކު، އޭގެ ބަދަލު އެތައް ގުނައަކަށް ދައްކަން ޖެހޭނެ" ކަމަށް ވިދާޅުވެފައެވެ.
ދެ ގައުމުގެ ދެމެދުގައި މަސްރަހު ގޯސްވެފައިވަނީ މިދިޔަ ޖޫން މަހު އެކުލަވާލި އިސްލާމްއާބާދު އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ. އޭގެ ފަހުން އެމެރިކާ ސިފައިން ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ. އަދި އީރާނާއި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ދަނީ އުރުދުން، އިރާގު، ބަހްރޭން އަދި ކުވެއިތުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި މި ކުރިމަތިލުންތަކުގައި މިހާތަނަށް އެމެރިކާ ސިފައިންގެ 17 މީހަކު ވަނީ މަރުވެފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ބޮން އެޅުންތަކުގެ ސަބަބުން އީރާނުގެ ސިފައިންނާއި އާންމުންގެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!