ހދ. ނައިވާދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ތިންވަނަ މިނިވަން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.
ނައިވާދޫ ކައުންސިލުން މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޒަނަށް ހުޅުވާލައިގެންނެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޒަންގައި ހަތަރު ޓީމު ވާދަކުރެއެވެ. އެއީ ސީ ވިއު، ގިޒަމްބޯ، ޓޮއްޓޮލާ އަދި ދަންފުޅިއެވެ. އަންހެން ޑިވިޒަންގައި ކަނބުރު ޖޭއާރު، ކަނބުރު، ވަން ޓަޗް، ރަންރިހި އަދި ރަބްޔީ ހިމެނޭހެން ފަސް ޓީމު ވާދަކުރެއެވެ.
މި މުބާރާތުގެ ދެ ޑިވިޒަންގެ ކުޅުން ވެސް މި މިމަހު 17 ގައި ފަށާފައިވާއިރު، ފައިނަލް މެޗުތައް ތާވަލުކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހަށެވެ.
ނައިވާދޫ ކައުންސިލް މިނިވަން ތިންވަނަ ވޮލީ މުބާރާތުގެ މެޗެއް ކުޅެނީ، ފޮޓޯ: ނައިވާދޫ ކައުންސިލް
މި މުބާރާތް ހުޅުވުމުގެގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި މުބާރާތުގެ ދެ ޑިވިޒަންގެ ޗެމްޕިއަން ޓީމްތަކަށް ޓީމަކަށް 10،000 ރުފިޔާ އަދި ރަނަރަޕް ޓީމްތަކަށް ޓީމަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި މެޑަލް ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ ދެ ޑިވިޒަންގެ އެންމެ މޮޅު ކޯޗުންނާއި، ކޮންމެ ޑިވިޒަނަކުން އެންމެ މޮޅު ހަ ކުޅުންތެރިންނާއި، އެންމެ މޮޅު ލިބަރޯ ކުޅުންތެރިންނާއި އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނެއެވެ.
މި މުބާރާތަކީ 2026 ވަނަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ނާވާދޫގައި ދިރިއުޅޭ އަދި ނައިވާދޫ އަށް ނިސްބަތްވާ މީހުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތް ބާއްވާ މަގްސަދަކީ ނައިވާދޫގައި ހުނަރުވެރި ވޮލީބޯޅަ ތަރައްގީކޮށް ކުރިއެރުވުމާއި، ކުޅުންތެރިން އުފެއްދުމާއި، ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް އަދި ލީޑަރޝިޕް ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!