މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާރޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށް، އެތަން ފުލުހުން ބަންދުކޮށްފިއެވެ.

މިއީ މާލޭގައި ހިންގާ މަސްތުވާތަކެތީގެ ހާލިތައް ނުވަތަ "ޑްރަގް ކެފޭ" ތައް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ.

Ad
rt

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި ކޯޓު އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް، 3 މަސްދުވަހުގެ މުއްދަތަށެވެ.

ފުލުހުންގެ މަސްދަރުތަކުން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މާލޭގެ އިތުރު 5 ތަނެއް ވަނީ 3 މަސްދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. އެ ތަންތަނަކީ:

  • ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
  • މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
  • މ. އަމީރާމަންޒިލް (ބައެއް): 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް
  • މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް
  • ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއް): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް

ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް، އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

މާލެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ޚިދުމަތުން ވަނީ ދީފައެވެ.