ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހިނގާ ޖުލައި މަހުގެ 13 ވީ ހޯމަ ދުވަހު ހޫތީން ދިން މި ހަމަލާތަކަކީ ސަޢޫދީގެ ދެކުނު ހުޅަނގު ސަރަހައްދުގައި އޮންނަ އަބްހާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެކެވެ. ސަޢޫދީގެ ދިފާއީ ބާރުތަކުން ވަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައިގެ ތެރޭގައި ނައްތާލާފައެވެ.

Ad
rt

މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ދިވެހިރާއްޖޭން ދެކޭ ކަމަށެވެ. އަދި ދިވެހިރާއްޖޭން އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާ އެކުގައި ވާނެ ކަމަށާއި، އެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖޭން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ހަމަލާއަކީ ޔަމަނުގެ ސަންޢާ އެއާޕޯޓަށް ދެވުނު ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާއެއް ކަމަށް ހޫތީން ބުނެފައިވާއިރު، މިއީ 2022 ވަނަ އަހަރުން ފެށިގެން ދެމިގެން އައި ހަމަޖެހުމަށްފަހު ފެނުނު އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.

އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ވަގުތުން ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް އިސްކަންދެނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށާއި ސަރަހައްދީ ހަމަޖެހުމަށްކަމަށް ސަރުކާރުން ބުނެއެވެ.