މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މިހާތަނަށް ވަނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ފަތުޙުﷲ ޖަމީލް ބިލްޑިންގ (ޚާރިޖީ ވުޒާރާ) އާ ހަމައަށް ތާރުއަޅައި މުޅިން ނިންމާލާފައެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ހާމަކުރި ގޮތުގައި، މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސެގްމަންޓް 4 އަދި 5 ގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއާއެކު މުޅި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މީގެ އިތުރުން، ސެގްމަންޓް 2 އަދި 3 ގެ ސަބް-ބޭސް މަސައްކަތްތަކާއި، އޭބީސީ ފަށަލަ އެޅުމުގެ އިތުރުން ތާރުއެޅުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް މި ހަފްތާގެ ތެރޭގައި ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ސެގްމަންޓް 2 އަދި 3 ގެ ކާބްސްޓޯން ހަރުކުރުމުގެ މަސައްކަތްވެސް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބޮޑުތަކުރުފާނު މަގުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑުކުރުމަށްޓަކައި މަގު އިތުރަށް ފުޅާކުރާ ގޮތަށެވެ. މަގުގެ މިހާރު ހަދަމުންދާ ސަރަހައްދު ނިމޭއިރު، އުޅަނދުފަހަރު ޕާކުކުރުމަށް ބޮޑު ސަރަހައްދެއް ހަމަޖެހިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމައި އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. އެއީ ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމާއެކު ޓްރެފިކަށް ބޮޑެތި ލުއިތަކެއް ވަނީ ލިބިފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޮގަސްޓް 2023 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.