މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް ތާރުއަޅައި ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ، މާލޭ ނޯތު ސައިޑް ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސެގްމަންޓް 4 އަދި 5 ގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއާއެކު މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ސެގްމަންޓް 2 އަދި 3 ގެ ސަބް-ބޭސް މަސައްކަތްތަކާއި، އޭބީސީ ފަށަލަ އެޅުމުގެ އިތުރުން ތާރުއެޅުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް މި ހަފްތާގެ ތެރޭގައި ކުރިއަށްދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މީގެ އިތުރުން ސެގްމަންޓް 2 އަދި 3 ގެ ކާބްސްޓޯން ހަރުކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑުކުރުމަށްޓަކައި މަގު އިތުރަށް ފުޅާކުރާ ގޮތަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ކުރިން ނިންމާފައިވާ ދެ ސެގްމަންޓުގެ ފަރުމާއާ އެއްގޮތަށެވެ. މަގުގެ މިހާރު ހަދަމުންދާ ސަރަހައްދު ނިމޭއިރު، އުޅަނދުފަހަރު ޕާކުކުރުމަށް ބޮޑު ސަރަހައްދެއް ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ދެ ސެގްމަންޓެއްގެ މަސައްކަތް ނިންމައި އާއްމުންނަށް ވަނީ ހުޅުވާލާފައެވެ. އެއީ ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމާއެކު އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!