މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައިކާމިޔާބުކުރި ލަނޑާއެކު، 1-0 އިން ޕޯޗުގަލް ބަލިކޮށް ސްޕެއިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި ނަތީޖާއާއެކު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ.
މެޗުގެ ފަހު ވަގުތު މެރީނޯއަށް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލްގެ ކުޅުންތެރިން ރެފްރީއާ ބަހުސްކުރަމުން ދަނިކޮށް، މެރީނޯ ވަނީ ހުށިޔާރުކަމާއެކު ބޯޅަ ކުޅުމުގެ ތެރެއަށް ވައްދައި ފެރާން ޓޮރޭޒް ދިން ޕާހަކުން ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޯސްޓާ ބަލިކޮށްފައެވެ. މިއީ 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މިކޭލް މެރީނޯ ލަނޑު ޖަހައިދިނުމަށްފަހު، ފޮޓޯ: ރޮއިޓާސް
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މެޗުގެ ކުރިން ބުނެފައިވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ރޮނާލްޑޯގެ އުއްމީދަކީ ޕޯޗުގަލް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކުއާޓާ ފައިނަލަށް ގެންގޮސްދިނުމެވެ. ނަމަވެސް މި ބައްޔާއެކު އޭނާގެ ވޯލްޑް ކަޕް ހުވަފެންތައް ވަނީ ބިލާހަކަށް ވެފައެވެ.
މެޗަށްފަހު ސްޕެއިންގެ ޔަމާލް، ރޮނާލްޑޯއަށް ހިތްވަރުދިނުމުގެ ގޮތުން ގައިގައި ބައްދާލަނީ، ދެތަރިންގެ ކުރިމަތިލުމުގެ މޮޅުވީ ޔަމާލް، ފޮޓޯ: ރޮއިޓާސް
ޕޯޗުގަލްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ކޯޗު ރޮބާޓޯ މާޓިނޭޒްއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ޚާއްސަކޮށް ރޮނާލްޑޯގެ ބަދަލުގައި ގޮންސާލޯ ރާމޯސް ފަދަ ޒުވާން ކުޅުންތެރިން ބޭނުން ނުކުރުމާއި، ބްރޫނޯ ފެނާންޑޭޒް ފަދަ ތަރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުން ޓީމުގެ އެޓޭކިންގް ލައިން އޮތީ މުޅިން ހުއްޓިފައެވެ.
ރޮނާލްޑޯ ސްޕޭންގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ، ފޮޓޯ: އޭޕީ
ޔޫރަޕްގެ މިހާރުގެ ޗެމްޕިއަން ސްޕެއިން ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ އެމެރިކާ ނުވަތަ ބެލްޖިއަމްއާއެވެ. މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ލޮސް އެންޖެލިސްގައެވެ. ޕޯޗުގަލް މުބާރާތުން ކެޓުމާއެކު ކޯޗު މާޓިނޭޒްގެ މުސްތަގުބަލާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ސްޓެޓިސްޓިކްސް
ވޯލްޑް ކަޕް & ޔޫރޯ އަށް ކޮލިފައިވުމުގައި: 96 މެޗުން 82 ގޯލް (މެޗަކަށް 0.85 ގޯލް)
ވޯލްޑް ކަޕް & ޔޫރޯގެ ގްރޫޕް ސްޓޭޖުގައި: 34 މެޗުން 21 ގޯލް (މެޗަކަށް 0.62 ގޯލް)
ވޯލްޑް ކަޕް & ޔޫރޯގެ ނޮކްއައުޓް ސްޓޭޖުގައި: 23 މެޗުން 4 ގޯލް (މެޗަކަށް 0.17 ގޯލް)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!