ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި މެކްސިކޯއަށް ކުރިމަތިވަމުން އައި 40 އަހަރުވީ ނާކާމިޔާބީގެ ސިލްސިލާ ނިމުމަކަށް ގެނެސް، އިކުއެޑޯ 2-0 އިން ބަލިކޮށް އެ ގައުމުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ނޮކައުޓް މެޗަކުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ނުވަ މިނެޓުގެ ތެރޭގައި މެކްސިކޯއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ޖޫލިއަން ކީނޯނޭސް ކާމިޔާބުކޮށްދިންއިރު، 31 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ވަނީ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މެކްސިކޯ އެންމެ ފަހުން ނޮކައުޓް މެޗަކުން މޮޅުވީ 1986 ގައި ބަލްގޭރިއާ އަތުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން މެކްސިކޯގެ ކޯޗު ހާވިއޭ އަގީރޭ ބުނީ މިއީ އޭނާއަށް ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ.
"މިއީ އަހަންނަށް ވަރަށް ބޮޑު މާނައެއް ހުރި ކަމެއް. ސަބަބަކީ އަހަރެން މިއީ ނޮކައުޓް ބުރުން ކުރިއަށް ނުދެވުނު މީހުންގެ ތެރެއިން އެކަކު،" 1986 ގެ ޓީމުގައި ކުޅުނު އަގީރޭ ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މިހާރު ޓީމާއި ސަޕޯޓަރުންގެ މެދުގައި އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ.
މި މެޗުގައި ލަނޑު ޖެހި ކީނޯނޭސް ވަނީ މި މުބާރާތުގައި ތިން ލަނޑު ހަމަކޮށް، މެކްސިކޯއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލާފައެވެ. އަދި ހިމެނޭޒް ޖެހި ލަނޑާއެކު އޭނާ ވަނީ ގައުމީ ޓީމަށް 47 ލަނޑު ހަމަކޮށް، ޖަރެޑް ބޯގެޓީގެ ރެކޯޑް މުގުރާލާފައެވެ.
ތާރީޚީ މި މޮޅާއެކު މެކްސިކޯ ވެފައިވަނީ ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ދެކުނު އެމެރިކާގެ ޓީމެއް ބަލިކުރި ކޮންކާކަފްގެ ފުރަތަމަ ގައުމަށެވެ. މީގެ ކުރިން ބައްދަލުކުރި ފަސް ފަހަރުވެސް މޮޅުވީ ދެކުނު އެމެރިކާގެ ޓީމުތަކެވެ.
މެޗަށްފަހު މެކްސިކޯ ސިޓީގެ މަގުތަކުގައި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މި ކާމިޔާބީ ފާހަގަކޮށް ބޮޑު އުފާފާޅުކުރުމެއް ބާއްވާފައެވެ.
ގަދަ 16 ގައި މެކްސިކޯ ބައްދަލުކުރާނީ އަންގާރަ ދުވަހު އިންގްލެންޑާއި ކޮންގޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!