ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ހޯމަ ދުވަހު ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު، ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖެހިލައިފިއެވެ.

އުމުރުން 27 އަހަރުގެ އެމްބާޕޭ މިހާރު ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 16 ލަނޑު ހަމަކޮށް، ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާއާ އެއްވަރުކޮށްފައެވެ.

Ad
rt

އެމްބާޕޭގެ 100 ވަނަ ބައިނަލްއަގުވާމީ މެޗުގައި އިރާގާ ދެކޮޅަށް ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި އޭނާ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހާފް ޓައިމް ބްރޭކް ދެ ގަޑިއިރަށްވުރެ ގިނަ އިރަށް ދިގުލައިގެން ދިޔަ ނަމަވެސް، މެޗުގެ 54 ވަނަ މިނެޓުގައި އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހައި ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. މި ވަގުތު މި ރެކޯޑު އޮތީ 18 ލަނޑާއެކު އާޖެންޓީނާގެ ލިއޮނަލް މެސީގެ އަތުގައެވެ.

އިރާގު ކޮޅަށް ދެވަނަ ލަނޑު ޖަހައިދިނުމަށްފަހު އެމްބާޕޭ އުފާފާޅުކުރަނީ، ފޮޓޯ: އޭޕީ

އިރާގުގެ ގޯލްކީޕަރު އަހުމަދު ބާސިލް ބަލިކޮށް އެމްބާޕޭ ފުރަތަމަ ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ދެވަނަ ލަނޑު ކާމިޔާބުކުރީ އިރާގުގެ ޑިފެންޑަރު ޒައިދު ތަހުސީންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ފަހުކޮޅު ހެޓްރިކެއް ފުރިހަމަކުރަން އެމްބާޕޭއަށް ފުރުސަތެއް ލިބުނު ނަމަވެސް އެ ބޯޅަ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ރެއާލް މެޑްރިޑްގެ ފޯވާޑް އެމްބާޕޭ ވަނީ 2018 ވަނަ އަހަރު ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް އެ ގައުމު ގެންގޮސްދީ، އޭނާ ވަނީ އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަން ބޫޓުވެސް ހޯދާފައެވެ.

މިހާރު ކުރިއަށްދާ މުބާރާތުގައި އެމްބާޕޭ ވަނީ މިހާތަނަށް 4 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ޖުމްލަ 59 ލަނޑު ކާމިޔާބުކޮށްދީ، އޮލިވިއޭ ޖިރޫގެ ރެކޯޑު މުގުރާލައި އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.