ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމް އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ވަނީ ރަސްމީކޮށް ތައާރަފްކޮށްފައެވެ.

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

Ad
rt

މި ސްކީމްގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެއްވެސް ރަހުނަކާ ނުލާ 500,000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭއިރު، ރަހުނަކާއެކު 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި ފެސިލިޓީއަކީ އަހަރަކު %6 ގެ ކުޑަ ރޭޓެއްގައި ދޫކުރާ ފައިނޭންސެކެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ނުވަތަ ފައިސާ ދައްކަން ނުޖެހޭ މުއްދަތެއް ހިމެނެއެވެ.

މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށެވެ. މީގެ ތެރޭގައި ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ (ކުކުޅު ގެންގުޅުން)، ގަސް އުފައްދާ ނާސަރީތައް، އަދި ވެޓެރިނަރީ ސަރވިސް ފަދަ ދަނޑުވެރިކަމާ ގުޅުންހުރި އެކި ދާއިރާތައް ހިމެނެއެވެ.

އެސްޑީއެފްސީން ބުނީ މި ބަދަލަކީ އެ ކުންފުނި ފުރިހަމަ ޑިޖިޓަލް އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ދީނީ ގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލުލިބި، ގިނަ ދަނޑުވެރިންތަކަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބި، ރާއްޖޭގައި އުފައްދާ ތަކެތި އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.