ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ސީދާ އެ މަސްވެރިންގެ ބައިވެރިވުމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން، މަސްވެރިންނަށް އެންމެ އެކަށީގެންވާ ރަނގަޅު އަގެއް ކަށަވަރުކޮށްދެވޭނީ މި ދާއިރާގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތައް ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާއާއެކުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދާނަން، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ވެސް ބައިވެރިވުމާ އެކީގައި ކަމަށެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ މީގެ ކުރީން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހުރި ޝަކުވާތަކާއި ހުށަހެޅުންތައް އޮޅުންފިލުއްވާފައެވެ.

ރައީސް މި މޭރުމުން ވިދާޅުވެފައިވާއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެކުންފުނިން ކުރިން ވަނީ ބުނެފައެވެ. މިފްކޯއިން ބުނެފައިވާ ގޮތުގައި، މިހާރު އައްޑޫ އަތޮޅުން ގަންނަ މަސް ހުވަދު އަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑޫ އަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. އަދި އައްޑޫގައި މަހަށް ވެލިޔު އެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ގދ. ތިނަދޫގައި ޤާއިމުކުރަމުން އަންނަ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް މިފްކޯއިން ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.