ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު ނިޔާވެއްޖެއެވެ.

2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. އާސިފަކީ ހއ. އުލިގަމަށް ނިސްބަތްވާ ފުލުހެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި "ޕޮލިސް ލޯންޗް 57" ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ.

ފުލުހުން ހިންގި ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން، އާސިފް ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަގުތުން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް އެ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފަވެއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ފޯރުކޮށްދެމުންނެވެ. އަދި މި އޮޕަރޭޝަންގެ ތެރޭގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އާސިފް ނިޔާވުމާއި ގުޅިގެން އުލިގަމު ކައުންސިލުން ވަނީ ޢާއިލާ އަށް ތަޢުޒިޔާ ފޮނުވާފައެވެ.