އިންޑިއާގެ ތާރީޚުގައި އެޤައުމުގައި ވިދިވިދިގެން އެންމެ ދިގު މުއްދަތެއްގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވުމުގެ ޝަރަފު ހާސިލްކުރެއްވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މޯދީ އަށް ތަޙްނިޔާ ފޮނުއްވައި ރައީސް މުޢިއްޒު މީސް މީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި، ދިވެހިރާއްޖެއާ އިންޑިއާއާއި ދެމެދު އޮތް އިޙުތިރާމާއި ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައި އޮތް މި ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ވަރުގަދަ ކުރެއްވުމުގެ ޢަޒުމް ރައީސް މުޢިއްޒު ވަނީ އައު ކުރައްވާފައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ މިވަނީ އިންޑިއާގެ އިންތިޚާބީ ސަރުކާރެއްގެ އެންމެ އިސްވެރިޔާގެ ގޮތުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު މަގާމު ފުރުއްވި ބޭފުޅާގެ ރެކޯޑު ހާސިލްކުރައްވާފައެވެ. ޖޫން 10، 2026 އާ ހަމައަށް މޯދީ ވަނީ މެދުނުކެނޑި 4،399 ދުވަސް މަގާމުގައި ހޭދަކުރައްވާފައެވެ. މިއާއެކު އެމަނިކުފާނު މިވަނީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ މެދުނުކެނޑި 4،398 ދުވަހު މަގާމުގައި ހުންނަވައިގެން ގާއިމުކުރެއްވި ރެކޯޑު މުގުރާލައްވާފައެވެ.
ނަމަވެސް، ޖުމްލަ ގޮތެއްގައި ބޮޑުވަޒީރުކަމުގެ މަގާމުގައި ހޭދަކުރެއްވި މުއްދަތަށް ބަލާއިރު، އަދިވެސް އެންމެ ކުރީގައި އުޅުއްވަނީ ޖަވާހަރްލާލް ނެހުރޫއެވެ. ނެހުރޫ ވަނީ ޖުމްލަ 16 އަހަރާއި 286 ދުވަސް (6،131 ދުވަސް) މަގާމުގައި ހޭދަކުރައްވާފައެވެ. މީގެ ތެރޭގައި 1952 ވަނަ އަހަރުގެ ފުރަތަމަ އާންމު އިންތިޚާބުގެ ކުރިން އިންތިގާލީ ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުވެސް ހިމެނެއެވެ.
ބޮޑުވަޒީރު މޯދީއަކީ އިންޑިއާގެ ކޮންގްރެސް ޕާޓީއަށް ނިސްބަތްނުވާ ބޭފުޅުންގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރައްވާ ބޭފުޅާވެސްމެއެވެ. 2014 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ތިން ދައުރު އެމަނިކުފާނު ދަނީ ފުރިހަމަކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!