ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަދި ސަރުކާރުގެ އިސްވެރިންނަށް އަމާޒުކުރައްވަމުން ގެންދަވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޝަމްޢާންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ހުކުމް އިއްވުމާ ގާތްވެފައި ވަނިކޮށް އޭނާ މީޑިއާގައި އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ޝަމްޢާން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތް ކަމަށެވެ. "
ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް. ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި،" އިޙްސާން ވިދާޅުވިއެވެ.
ޝަމްޢާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަން ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނެ ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.
ޝަމްޢާންގެ މައްޗަށް މި ތުހުމަތުތައް އަމާޒުވެފައިވަނީ ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ބުނާ މައްސަލައެއްގައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ވަނީ ކަނޑައަޅާފައެވެ.
ކޯޓުގެ ހުކުމާއެކު ޝަމްޢާން 25 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި 8 އަހަރު، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި 2 އަހަރުގެ ޖަލު ހުކުމެކެވެ.
ޝަމްޢާން ވަނީ ހުކުމް އިއްވުމުގެ ކުރިން ބައެއް ޓީވީ ޗެނަލްތަކާއި މީސްމީޑިއާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހޯމް މިނިސްޓަރު އިޙްސާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!