އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާން ކުޅޭ ތިން މެޗަށް އެ ގައުމުގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓް އެލޮކޭޝަން ފީފާއިން ބާތިލްކޮށްފައިވާ ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގާރަ ދުވަހު ބުނެފިއެވެ.

ވޯލްޑް ކަޕްގައި ބައިވެރިވާ 48 ޓީމުގެ ތެރެއިން ކޮންމެ ފެޑެރޭޝަނަކަށް ވެސް އެ ޓީމެއް ކުޅޭ މެޗުތައް ބާއްވާ ސްޓޭޑިއަމްގެ ޖާގައިގެ 8 އިންސައްތަ ޓިކެޓް ސަޕޯޓަރުންނަށް ބެހުމަށް ލިބިދެއެވެ. މިއީ ކޮންމެ މެޗަކަށް އެތައް ހާސް ޓިކެޓެކެވެ.

Ad
rt

އީރާނުގެ ފުރަތަމަ މެޗު ޖޫން 15 ވަނަ ދުވަހު ނިއުޒިލެންޑާ ދެކޮޅަށް ލޮސް އެންޖެލެސްގެ އިންގްލްވުޑްގައި ހުންނަ 70،000 މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އީރާނުގެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ސަޕޯޓަރުންނަށް އެއްވެސް ޓިކެޓެއް ފޯރުކޮށްދެވެން ނެތް ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އީރާނުގެ ފުޓްބޯޅަ އިދާރާއާއި، ފީފާ އަދި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ނުތަނަވަސްކަން އިތުރުވީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެންނެވެ.

ވޯލްޑް ކަޕްގެ ޓިކެޓް އޮޕަރޭޝަންތަކުގެ ފުރިހަމަ ބާރު ފީފާއަށް އޮތް ނަމަވެސް، އީރާނުގެ ފެޑެރޭޝަނުން ތުހުމަތުކުރާ ގޮތުގައި އީރާން ސަޕޯޓަރުން ސްޓޭޑިއަމްތަކަށް ވަނުމަށް ހުރަސް އެޅުމަށް އެމެރިކާއިން މިހާރު ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އީރާން ފެޑެރޭޝަނުން އިތުރަށް ބުނެފައިވަނީ މި ހާދިސާއަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އިންތިޒާމުކުރުމުގައި ކުޅިވަރާ ގުޅުމެއް ނެތް ސިޔާސީ ނުފޫޒުތައް ވަދެފައިވާ މިންވަރާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފީފާގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި ޖަވާބެއް ލިބިފައެއް ނުވާކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓްކޮށްފަވެއެވެ.