ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ތަރައްގީއާއެކު ތިމާވެށި ވެސް ހިމާޔަތްވާންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށެވެ. ތަރައްޤީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާކަމަށް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިން ހިއްކުމަކީ ތަރައްގީގެ ބޭނުމުގައި ކުރާ ކަމެއް ނަމަވެސް، އެކަމުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ރަސްމާލެ މަޝްރޫއު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ މުރަކަތައް އެހެން ތަނަކަށް ބަދަލުކުރުމާއި މުރަކަ އާލާކުރުމުގެ ޕްރޮގްރާމުތައް މިހާރުވެސް ހިންގަމުންދާ ކަމަށެވެ.
ޒުވާނުންގެ މެދުގައި ބިން ހިއްކުމަކީ ބަހުސް ބޮޑު ކަމަކަށް ވީނަމަވެސް، ސަރުކާރުގެ އަމާޒަކީ ތަރައްގީއާއި ތިމާވެށި ގުޅިލާމެހިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަކީ ތިމާވެށި ހިމާޔަތްކުރުމުގައި ދުނިޔެއަށް ނަމޫނާ ދައްކާ ގައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!