އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ޒުވާން އަންހެނުންގެ މެދުގައި ދީނީ އަދި އިޖުތިމާއީ ލީޑާރޝިޕް ހުނަރުތައް ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ.

Ad
rt

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ.

ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން ލީޑަރޝިޕްގެ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ މަގްސަދަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ގައުމީ ހިދުމަތަށް އަންހެނުން ބާރުވެރިކުރުވުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓަރީވެވޭ ލިންކް: https://forms.office.com/r/RU4rNH7rd3

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 އަދި 6 ވަނަ ދުވަހު، ކިންގް ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގައެވެ.

މި ޕްރޮގްރާމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ބައިވެރިންގެ ތެރެއިން އެންމެ މޮޅު ލީޑަރޝިޕް ހުނަރުތަކެއް ދައްކުވައިދޭ 10 ބައިވެރިއަކު ހޮވުމެވެ. މިގޮތުން ހޮވޭ 10 ބައިވެރިންނަށް އިސްލާމީ ވުޒާރާގެ ޔޫތު ލީޑަރޝިޕް އެމްބަސަޑަރުކަން ދިނުމަށް ވަނީ ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ދަނީ ޒުވާނުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، މުޖުތަމައުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޕްރޮގްރާމަކީ އެ މަސައްކަތްތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.