ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ފަސް އަހަރު ދުވަހުގެ ޚާއްޞަ ޤައުމީ ކެމްޕެއިނެއް މިއަދު ޢިއުލާންކޮށްފިއެވެ.
މި ކެމްޕޭން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ސިއްހަތާ ބެހޭ ވަޒީރު ގީލާ ޢަލީއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ، މި ކެމްޕޭނަކީ ވަކި އުމުރަކުން ދަށުގެ މީހުންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމާއި، އީ-ސިނގިރޭޓް ނުވަތަ ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާ ގުޅިގެން، އެކަންކަން ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަކީ ވަގުތު ނަގާނެ ކަމަކަށްވާތީ، މި މަސައްކަތްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ކެމްޕޭނުގެ ދަށުން ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާ މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުންފަތާ ދެކޮޅު ޤާނޫނުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަކީވެސް މި ކެމްޕޭނުގެ މުހިންމު މަޤްޞަދެކެވެ.
މި ކެމްޕޭން ކާމިޔާބުކުރުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކާއި މުޅި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!