މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ދާއިމީ ލިސްޓު އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ.
އެމްޑީޕީން ބުނި ގޮތުގައި، 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގައެވެ. މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
ވޯޓާރސް ލިސްޓާ ގުޅޭގޮތުން އެމްޑީޕީން އިތުރަށް ބުނީ، ވޯޓުލުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް އުނިކުރެވޭ ފަރާތްތަކުގެ ވަކި ލިސްޓެއް ފަހުގެ ތާރީޚެއްގައި އާންމުކޮށް އިއުލާންކުރާނެ ކަމަށްވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، އިންތިޚާބުގެ އިންތިޒާމުތަކުގެ ތެރެއިން، ވޯޓުލާ ދުވަހު ބަހައްޓާނެ ވޯޓު ފޮށިތަކުގެ ލިސްޓު ވެސް މިއަދު ވަނީ އާންމުކޮށްފައެވެ. މި ލިސްޓުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި ސަރަހައްދުތައް ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަކީ ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ވާއިރު، މި އިންތިޚާބަށް އެ ޕާޓީން ދަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!