އިސްރާއީލުގެ ދައުލަތް ދުނިޔެއިން ނެތިކޮށްލުމުން ނޫނީ މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ނާންނާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުރާސްފަތި ދުވަހު އިންޒާރު ދީފިއެވެ.
އިސްރާއީލުގެ ސިފައިން ހަމާސްގެ އިސް ބައެއް އޮފިޝަލުން ޝަހީދުކޮށްލުމާ ގުޅިގެން އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކުޑަކުދިން މަރާ، ނުބައި މި ރެޖީމް ދުނިޔޭގެ މޫނުމަތިން ފޮހެލެވެންދެން ހުޅަނގު އޭޝިއާ ސަރަހައްދަށް ހަމަޖެހުމެއް ނުލިބޭނެ" ކަމަށެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްހައިގެ ރޭވުންތަކަށް ފާޑުކިޔަމުން އެ ޖަމާއަތުން ބުނީ އެއީ މަރާއި، ގަތުލުއާންމާއި، ބިރުވެރިކަން ނޫން އެއްޗެއް ނޫން ކަމަށެވެ.
މި ދަނޑިވަޅުގައި އެމެރިކާ ސިފައިންނާއި ހޮރްމޫޒް ކަނޑުއޮޅީގެ ކަނޑުގެ ދަތުރުފަތުރަށް ނުރައްކާވާ ކަމަށް ބުނެ، އެމެރިކާއިން ވަނީ އީރާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފައެވެ. މީގެ ރައްދުގައި އައިއާރުޖީސީން ބުނީ އެމެރިކާގެ އެއާބޭސްއަކަށް ހަމަލާދީފައިވާ ކަމަށާއި، އެމެރިކާގެ "އުދުވާންތައް" ކުރިއަށްދާނަމަ މިއަށްވުރެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.
މީގެ އިތުރުން، މަސްރަހު އިތުރަށް ގޯސްވެފައިވަނީ އިސްރާއީލް ސިފައިން ލިޓާނީ ކޯރު ހުރަސްކޮށް ލުބުނާނުގެ ދެކުނަށް ވަދެގަތުމާ ގުޅިގެންނެވެ. އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. މި ސަރަހައްދުގައި ހިޒްބުاللهގެ މުޖާހިދުން ދަނީ އިސްރާއީލް ސިފައިންނާ ކުރިމަތިލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!