އަޅުގަނޑުމެން އަމާންވެއްޓެއްގައި އުފަލާއެކު ޢީދު ފާހަގަކުރަމުންދާއިރު، އިސްލާމީ އުންމަތުގެ އެތައް ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ބޭއްވި ބޮޑު ޖަމާޢަތުގެ ޢީދު ނަމާދަށްފަހު ދިން ޚުޠުބާގައި ބުނީ، ޢީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވާންޖެހޭ ދުވަހެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކިއެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާ ކިޔައި، އެމީހުންވެސް ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ޚުޠުބާގައި ބާރުއެޅިއެވެ.

Ad
rt

ޚުޠުބާގައި އިތުރަށް ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލު ނައްތާލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި، ހައިހޫނުކަމާއި، ހިޔާވަހިކަމެއް ނެތް ހާލުގައި އެތައް ހާސް މުސްލިމުންނެއް ތިބިކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށެވެ. އަދި މި މަތިވެރި ދުވަހުގެ އުފާ ފާޅުކުރާއިރު، އެ އަޚުންނަށް ނަޞްރާއި ކާމިޔާބު ދެއްވުން އެދި ދުޢާކުރުމަށް ޚުޠުބާގައި ގޮވާލިއެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާކަން ޚުޠުބާގައި ފާހަގަކުރިއެވެ.

މިއަދުގެ ޢީދު ޖަމާޢަތަށް ބަލައި، މަޙުޝަރުގެ މައިދާނުގެ ބިރުވެރިކަން ހަނދާނަށް ގެނައުމަށްވެސް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ. އަދި ޖަމާޢަތުން ވަކިވުމުގެ ކުރިން އެކަކު އަނެކަކަށް މަޢާފުކޮށް، ހިތްތައް ސާފުކުރުމަށާއި، ބޮޑާކަމާއި ޙަސަދަވެރިކަން ފަދަ ނޭއްގާނީ ސިފަތަކުން ދުރުހެލިވުމަށް ގޮވާލިއެވެ.

އަޟުޙާ ޢީދުގެ މުނާސަބަތުގައި އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ހަނދާންތައްވެސް ޚުޠުބާގައި އައުކުރިއެވެ. އަދި އުޟުޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްކަން ބަޔާންކޮށް، ކީރިތި ރަސޫލާ ﷺ އުޟުޙިޔާ ކަތިލެއްވި ގޮތުގެ މައްޗަށް އަލިއަޅުވާލިއެވެ.
ޢީދު ފާހަގަކުރުމުގެ ތެރޭގައި އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަން ނުކުރުމަށްވެސް ޚުޠުބާގައި ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ.

އެގޮތުން މީހުންނަށް ފުރައްސާރަކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން، ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުން ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލިއެވެ. އަދި ޢީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.