އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ތާއީދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ހެދި ސާވޭއަކުން ހާމަވެއްޖެއެވެ.
ގައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ މި ދިރާސާގެ ނަތީޖާތަކަށް ބަލާއިރު، ޓްރަމްޕަށް އޮތް ތާއީދަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.
ސްޓްރީޓް ޖާނަލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހު ޓްރަމްޕަށް "ވަރަށް ބޮޑަށް ތާއީދުކުރާ" ކަމަށް ބުނި ރިޕަބްލިކަން މެންބަރުންގެ ނިސްބަތް 72 އިންސައްތައިގައި ހުރިއިރު، މެއި މަހުގެ ނިޔަލަށް މި އަދަދު ވަނީ 57 އިންސައްތައަށް ދަށްވެފައެވެ. މިއީ 15 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ. ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އަދިވެސް އޮތީ ޓްރަމްޕާއެކު ނަމަވެސް، މި ބަދަލުން ދޭހަވަނީ ޕާޓީގެ އެތެރޭގައި ޓްރަމްޕަށް އޮތް ތާއީދު ފަނޑުވަމުންދާ ކަމެވެ.
ސިޔާސީ މާހިރުން މި ބަދަލު މައިގަނޑު ތިން ސަބަބަކާ ގުޅުވައެވެ. ފުރަތަމަ ސަބަބަކީ ސަރުކާރު ހިންގުމުގެ ތެރޭގައި ކުރިމަތިވާ ގޮންޖެހުންތަކެވެ. އާންމުކޮށް އިންތިޚާބުތަކާ ދިމާކޮށް އޮންނަ ފޯރި، ސިޔާސީ މަސައްކަތްތަކާއި އިގްތިސާދީ ފިއްތުންތަކާ ކުރިމަތިވުމުން ކޮންމެވެސް ވަރަކަށް ފިނިވެގެންދެއެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ސިޔާސަތުގެ ޚިޔާލުތަފާތުވުންތަކެވެ. ޚާއްޞަކޮށް ޓެރިފްތަކާއި، ދައުލަތުގެ ޚަރަދުތަކާއި، އަދި ބޭރުގެ ގައުމުތަކާ ބާއްވާ ގުޅުންތަކާ މެދު މެންބަރުންގެ މެދުގައި އުފެދިފައިވާ ބަހުސްތަކުގެ ސަބަބުން، ކުރިން "ވަރުގަދައަށް ތާއީދުކުރި" ބައެއް މެންބަރުން މިހާރު ތިބީ "މެދުމިންވަރަކަށް ތާއީދުކުރާ" މައުގިފެއްގައެވެ.
މީގެ އިތުރުން، މެދުކެނޑުމެއް ނެތި ކުރިމަތިވަމުންދާ ސިޔާސީ އަދި ގާނޫނީ ހަނގުރާމަތަކުގެ ސަބަބުން ވޯޓުލާ މީހުންގެ މެދުގައި ވަރުބަލިކަން އުފެދިފައިވާކަން ވެސް މާހިރުން ފާހަގަކުރެއެވެ.
މި ބަދަލުގެ މާނައަކީ ރިޕަބްލިކަން މެންބަރުން ޕާޓީ ދޫކޮށް ދިއުމެއް ނޫނެވެ. ނަމަވެސް، ކުރިއަށް އޮތް އިންތިޚާބުތަކަށް މެންބަރުން ތައްޔާރުކުރުމާއި، ސިޔާސީ ގޮތުން މީހުން ހޭލައްވައި ފޯރި އެރުވުމަށް ޓްރަމްޕްގެ ޓީމަށް ކުރިއަށް އޮތް ތަނުގައި އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!