ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ މޭޒެއް ގާއިމުކޮށްފިއެވެ.
މި މޭޒު ބަހައްޓާފައިވަނީ ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ފަރާތްތަކަށް ލަސްނުކޮށް ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި، މި ދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ އިސްކަމެއް ދީގެން ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައި މިހާރު ވަނީ މިކަމަށް ހާއްސަ މޭޒެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.
ހިމަބިހި ކޭސްތައް ފެންނަމުން ދާތީ ހުމާއި ރަތްބިހީގެ ޢަލާމާތްތައް ހުރި ފަރާތްތަކަށް އެހީވުމަށް ހޮސްޕިލުގައި ޚާއްސަ މޭޒެއް ގާއިމު ކުރުން
Establishment of Fever–Rash Help Desk and Guidance on Patient Movement Related to Measles Outbreak pic.twitter.com/fhApngzzQC
— IGMH (@igmhmv) May 23, 2026
މި މޭޒުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ރޭނގަޑު 23:00 އާ ހަމައަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ބަލީގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދައްކަން ދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުމަށާއި، ވީހާވެސް މަދު ބަޔަކާއެކު ހޮސްޕިޓަލަށް ދިޔުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މި ބައްޔާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗްގެ ނަންބަރު 3335335 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ 7 މީހަކު ވަނީ ފެނިފައެވެ. އަދި މި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި 74 އަށްވުރެ ގިނަ މީހުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!