ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކުގައި އަމިއްލައަށް ދަނޑުވެރިކަން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ހައިޑްރޯޕޯނިކްސް އާއި ވަރޓިކަލް ފާމިންގ ދަސްކޮށްދޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައި، އޭގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމަކީ ޖުމްލަ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންނަށް އަމިއްލަ ގޭބިސީތަކުގައި ދަނޑުވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

Ad
rt

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން އަސާސީ ދަނޑުވެރިކަމާއި، ގޭގައި ދަނޑުވެރިކަން ކުރުމުގެ އުކުޅުތަކުގެ އިތުރުން، ކުދި ޖާގަތަކުގައި ދަނޑުވެރިކަން ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ހައިޑްރޯޕޯނިކްސް، ވަރޓިކަލް ފާމިންގ އަދި ކޮންޓެއިނަރު ގާޑަނިންގގެ އަސާސުތަކާއި އަމަލީ ތަމްރީނުތައް ވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ގަސް މުޑުވައްކުރުމާއި، ގަސްކާނާ ތައްޔާރުކުރުމުގެ އިތުރުން ގަސްތަކަށް ޖެހޭ ތަފާތު ބަލިތަކުން ސަލާމަތްވާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ވެސް ފޯރުކޮށްދެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި މި ތަމްރީނުގެ ސަބަބުން ކުޅުދުއްފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް ތާޒާ ކާނާ އަމިއްލައަށް އުފެއްދުމުގެ ފުދުންތެރިކަން ލިބިގެންދާނެއެވެ.