ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހއ. ދިއްދޫ މިއަދު ހޯދައިފިއެވެ.
ދިއްދޫ އަށް ޗެމްޕިއަންކަން ކަށަވަރުވީ މިއަދު ހަނިމާދޫގައި ކުޅުނުމެޗު 2-1 އިން ހަނިމާދޫ ބަލިކޮށް، ދިއްދޫ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވުމުގެ ރެކޯޑާއެކު 15 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި 3 މެޗު ބާކީ އޮތް ނަމަވެސް ޓީމުތަކަށް ލިބިފައިވާ ޕޮއިންޓަށް ބަލާއިރު ދެން ދިއްދޫ އަތުވާނެ އިތުރުޓީމެއް ނެތެވެ.
މިއަދުގެ މެޗުގައި ހަނިމާދޫ ވަނީ މެޗުގެ 2 ވަނަ މިނިޓްގައި ލަނޑެއްޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ ހަނިމާދޫގެ މޫސަ ހަނިމާދޫގެ ގޯލް ކުރިމަތިން ފޮނުވާލި ބޯޅަ ދިއްދޫގެ އޭރިއާ ބޭރުން ހޯދައި ގޯލް އޭރިއާތެރެއަށް ވަދެ ގޯލްގެ ކަނަށް ވައްދާލައިގެން ހަނިމާދޫ ޓީމުގެ ޖޯޒީ ނަންބަރު 17 އުފާލް ޖަހައިދިން ލަނޑެކެވެ.
ދިއްދޫގެ ލަނޑުތައް ފެނުނީ ފަހުހާފުގައެވެ. އެއީ ފަހުހާފުގެ 17 ވަނަ މިނިޓްގައި ދިއްދޫ އަށް ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ހޯދައި ތިރިތިރިން ގޯލްގެ ތެރެއަށް ވައްދާލައިގެން ޖެހި ލަނޑަކާއި 27 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު 11 ސިފާހް ޖަހައިދިން ލަނޑެކެވެ.
މި ލީގުގައި ދިއްދޫ ފުރަތަމަ މޮޅު ހޯދީ ހޯމްގައި 2-1 އިން އޭދަފުށި ބަލިކޮށްގެންނެވެ. ދެވަނަ މޮޅި ހޯދީ ވެސް ހޯމްގައި އޭދަފުށި ބަލިކުރި ނަތީޖާ 2-1 އިން ހަނިމާދޫ ބަލިކޮށްގެންނެވެ. ދިއްދޫގެ ފުރަަތަަމަ އަވޭ މެޗުކުޅުނީ މަނަދޫ އާއި ދެކޮޅަށް އެރަށުގައެވެ. އެ މެޗުގައި 2-0 އިން ވަނީ މަނަދޫ ބަލިކޮށްފައެވެ. އެއީ ދިއްދޫގެ ތިންވަނަ މެޗެވެ. ހަތަރުވަނަ މެޗު ހޯމުގައި 3-0 އިން މަނަދޫ ބަލިކޮށް ދިއްދޫ މިއަދުގެ މެޗަށް ނުކުތީ 12 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އެހެންޓީމުތަކަށްވުރެ ބޮޑު ފަރަގެއްގައި އޮވެގެންނެވެ. މިއަދުގެ މެޗު އެއްވަރުވީނަމަވެސް ދިއްދޫ އަށް ލީގު ކަށަވަރުވާނެއެވެ.
ދިއްދޫ އަށް ލީގު ކަށަވަރުވިއިރު، ތާވަލުގެ ދެވަނާގައި ހަނިމާދޫ އޮތީ ދެ މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ ހަ ޕޮއިންޓާއެކު ފައިދާ ގޯލުން ކުރި ލިބިގެންނެވެ. އޭދަފުށި ތާވަލުގެ ތިންވަނާގައި އޮތީ ދެ މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ ހަ ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވި މަނަދޫއެވެ.
މި ލީގުގައި ބާކީ ތިން މެޗުގައި 17 މެއިގައި ކުޅޭނީ މަނަދޫ - އޭދަފުއްޓެވެ. 20 މެއިގައި ކުޅޭނީ އޭދަފުށި - ދިއްދޫ މެޗެވެ. އަދި 21 މެއިގައި ކުޅޭނީ މަނަދޫ - ހަނިމާދޫ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!