ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އެކުދިންގެ އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޯތްބާއެކު ފޮނުއްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށެވެ. އަދި މާދަމާގެ މުޖުތަމައުގައި ޒިންމާދާރު ބައެއްގެ ގޮތުގައި އުޅެވޭނެ ފަދަ ގާބިލުކަން އެކުދިންނަށް ހޯދައިދިނުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ފަދަ އެއްވެސް ބަހަކަށް ނުވަތަ ޢަމަލަކަށް ޖާގަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި ކުޑަކުދިންގެ ރައްކާތެރިކަމާއި ތަރުބިއްޔަތަށް މުޅި މުޖުތަމައު ސަމާލުވުމަށް ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!