2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެކުލަވާލާފައިވާ އާރުކާޓީއާއެކު، ރާއްޖެ މިހާރު އޮތީ ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްދިޔަ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ގައި ތަޤުރީރުކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ގެ ތަސައްވުރަކީ ރާއްޖޭގެ ތަރައްޤީގެ އާރުކާޓީއެއްގެ ގޮތުގައި ސިފަކުރައްވައި، ފުރިހަމައަށް ތަރައްޤީވެފައިވާ، ޝާމިލު އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން ހާމަކުރެއްވިއެވެ. މި ތަސައްވުރުގެ މައިގަނޑު އަސާސްތަކަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުމާއި، ފަންނިއްޔާތުގެ ބޭނުން ހިފުމުގެ އިތުރުން ތިމާވެއްޓަށް ޒިންމާދާރުވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ އިޞްލާޙީ ބަދަލުތަކާއި އިންވެސްޓްމަންޓް
ޤައުމުގެ އިޤްތިޞާދީ ކުރިއެރުން ބިނާވެފައިވަނީ އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމުގެ މައްޗަށްކަން ފާހަގަކުރައްވައި، އިންވެސްޓަރުންނަށް ފަހި މާހައުލެއް އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައީސް ތަފްޞީލުކޮށްދެއްވިއެވެ. އެގޮތުން ފޮރިން އިންވެސްޓްމަންޓް ޤާނޫނު ޒަމާނީކޮށް، ގެނެވުނު އިޞްލާޙީ ބަދަލުތަކާއި، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ރާއްޖެއަކީ އިންޑިއާ ކަނޑުގެ ޑިޖިޓަލް ހަބަކަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، އުމްރާނީ ތަރައްޤީއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސް ދަޢުވަތު ދެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މީޒާންހަމަ އަދި ދެމެހެއްޓެނިވި އިޤްތިޞާދީ ގުޅުމެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ދެ ޤައުމުގެ ގުޅުން ބަދަހިކުރުން
މި ފޯރަމްގައި ސްރީލަންކާގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާވެސް ތަޤުރީރުކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ފޯރަމްގެ ތެރެއިން ދެ ޤައުމުގެ ގުޅުން ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާއިރު، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި ފޯރަމް ނިންމާލާފައިވަނީ ދެ ޤައުމުގެ ވިޔަފާރިވެރިންގެ ވަފުދުތަކުގެ މެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކަކަށްފަހުގައެވެ. މީގެ ތެރޭގައި މިހާރު އޮތް ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާއި، ކުރިއަށް އޮތްތަނުގައި ގުޅިގެން ކުރެވިދާނެ އައު މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!