ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ބުހުތާނު ދޮގު ހަބަރު ފަތުރަމުންދާ ކަމަށާއި، އެހެންކަމުން މީޑިއާ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން (އީސީ)އިން ގާނޫނީ ޒިންމާ އަދާކުރުމުގައި ހަމައިސްކޮޅަށް ތެދުވަންޖެހޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު އިސްމާޢީލް ވިދާޅުވީ، ސިޔާސީ ލީޑަރުން އެބައިމީހުންގެ ''އަމިއްލަ އަންބޮނޑި ބޮޑުކުރުމަށްޓަކައި ނޫސްމަޖައްލާތަކާއި، ޓީވީ ޗެނަލްތަކާއި، މީސްމީޑިއާ އަދި ޕާޓީތަކުގެ އެކްޓިވިސްޓުން'' ބޭނުންކުރަމުންދާ ކަމަށެވެ.

Ad
rt

މީގެ އިތުރުން، މާލޭގެ މަގުތަކުގައި ދެކޮޅަށް ދުވެ، އަޑުގަދަކުރާ ވަސީލަތްތައް މެދުވެރިކޮށް ''ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ޒާތުފުޅަށް ނިސްބަތްކޮށް ބުހުތާނު ދޮގު ހަބަރު'' ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ އަމަލުތައް ހިނގަމުންދާއިރު، ބްރޯޑްކާސްޓިންގ ކޮމިޝަނާއި (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން - އެމްއެމްބީސީ) އާއި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާޢީލްގެ މި ވާހަކަތަކުގައި ބާރުއަޅުއްވާފައިވަނީ، ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހުއްޓުވުމަށާއި، ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.