ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ ކުރީގެ މެނެޖިން ޑިރެކްޓަރު އަހްމަދު މުބީން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފިއެވެ.

އެނގިފައިވާގޮތުގައި މުބީން އެމްޓީސީސީގެ ޑީއެމްޑީގެ މަގާމުގެ ހައިސިއްޔަތުން ވަޒީފާ އަށް ނުކުންނަން ފެއްޓެވީ މިއަދެވެ.

Ad
rt

އާރްއޭސީއެލް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކުރުމުން، އެ ކުންފުނީގެ އެމްޑީގެ މަގާމުން މުބީން އިސްތިއުފާދެއްވީ 29 ޖުލައި 2025 ގައެވެ.

އާރްއޭސީއެލްގެ އެމްޑީގެ މަގާމުން އިސްތިއުފާދެއްވުމަށްފަހު މުބީން ފެނިގެން ދިޔައީ ދިވެހި ފުޓްބޯޅައިގެ ތެރެއިންނެވެ. މިގޮތުން ރާއްޖޭގެ އެންމެ އެއް ދުވަސްވީ ކްލަބް، ނިއުރޭޑިއެންޓުން އަލުން ފުޓްބޯޅައިގެ ރަސްކަމަށް ގެނައުމުގެ އަމާޒު ހިފައި އޭނާ ވަނީ އެ ކްލަބްގެ ޗެއާމަންގެ މަގާމަށް ވަޑައިގެންފައެވެ. އަދި މިވީ ދުވަސްކޮޅުގެ ތެރޭގައި އެ ކްލަބް ފަސްޓް ޑިވިޒަނަށް ޕްރޮމޯޓްކޮށްދީ، މިއަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދީ ވެސް މުބީން ޗެއާމަންކަމުގެ ދަށުންނެވެ. މިއީ 2018 ވަނަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި ފަހުން ނިއުއިން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. އެ އަހަރު ފަހުކޮޅު އެފްއޭއެމުން ވަނީ އެ ކްލަބް ސަސްޕެންޑް ކޮށްފައެވެ.

މުބީން ވަނީ 18 ވަނަ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާފައެވެ. އެއިގެ ކުރިން އޭނާ ޚިދުމަތްކުރެއްވީ ތަޢުލީމީ ދާއިރާގައި ޕްރިންސިޕަލެއްގެ ގޮތުގައެވެ.

މުބީން އެމްޓީސީސީގެ ޑީއެމްޑީކަމަށް ހަމަޖައްސާފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް 28 އޭޕްރިލްގައި އެ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.