ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާ ތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މި މެއި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި 17 ސްމާޓް ފޯނާއި، 35 ޗާޖިންގ ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ބައެއް ތަކެތި ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ޖަލުތަކަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!