ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު މައުރޫފް އަޙްމަދު (މާއްޓޭ) މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ހާއްސަ އެޑްވައިޒަރަކަށް އަދި ކުޅިވަރުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ މުހައްމަދު ހާނިމް ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް ހަމަޖައްސައިފިއެވެ.

މައުރޫފް އަޙްމަދު މި މަޤާމަށް އައްޔަންކުރެއްވީ ކުޅިވަރު ލާމަރުކަޒީ ކުރުމާ ގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާދެއްވާ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ. މާއްޓޭއަކީ 1980 ގެ ފަހުކޮޅާއި 1990 ގެ އަހަރުތަކުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރެވެ. އޭނާ ވަނީ ޤައުމީ ޓީމުގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކްލަބުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

Ad
rt

ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގ ދާއިރާގައި ވެސް މާއްޓޭ ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ކަމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަޤާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ. މާއްޓޭއަކީ ފުޓްބޯޅަ ތަޙުލީލުކުރާ އެނަލިސްޓެއްގެ ގޮތުގައި ވެސް އާންމުންގެ މެދުގައި މަޤްބޫލު ބޭފުޅެކެވެ.

ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔަންކުރެއްވި މުހައްމަދު ހާނިމް ވަނީ މީގެ ކުރިން ވެސް ސަރުކާރުގެ އެކި މަތީ މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ.

ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީން ވަނީ މި ދެ ބޭފުޅުންނަށް މަރުޙަބާ ކިޔާފައެވެ. މި ދެ ބޭފުޅުންނަކީ ވެސް ކުޅިވަރުގެ ދާއިރާގައި ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.