މީދާ މަރާ ވިހަ ހުރި ކަމަށް އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ "ހިޕް" (HiPP) ބްރޭންޑުގެ ތުއްތު ކުދިންގެ ކާނާ ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖަރުމަނުގެ މަޝްހޫރު "ހިޕް" ކުންފުނިން އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ އުފެއްދުންތައް ބާޒާރުން އަނބުރާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިގޮތަށް އަމަލުކުރަން ފަށާފައިވަނީ އެ އުފެއްދުންތަކުގައި މީދާ މަރާ ވިހަ އެކުލެވިގެންވާ ކަމަށް ޝައްކުކުރެވިގެން އޮސްޓްރިއާގެ ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާތީއެވެ.

Ad
rt

އެމްއެފްޑީއޭ އިން ފާހަގަކުރި ގޮތުގައި، މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަކަށް ނުވި ނަމަވެސް، އަމިއްލަ ބޭނުންތަކަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

މި މައްސަލައާ ގުޅިގެން ހިޕް ކުންފުނިން ބުނީ، އޮސްޓްރިއާގެ "ސްޕާ" (SPAR) ގްރޫޕުގެ ދަށުން ހިންގާ ހުރިހާ ފިހާރަތަކަކުން މިހާރު އެ ތަކެތި ނަގާފައިވާ ކަމަށެވެ. އަދި މިއީ އުފެއްދުމުގެ މަރުހަލާގައި ދިމާވި މައްސަލައެއް ނޫން ކަމަށާއި، މިއީ ބަޔަކު ގަސްތުގައި ހިންގާފައިވާ ޖިނާއީ އަމަލެއް ކަމަށް ބެލެވޭތީ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އޮސްޓްރިއާގެ ބާގަންލޭންޑް ސްޓޭޓް ފުލުހުން ބުނި ގޮތުގައި، "ކެރެޓް ވިތު ޕޮޓޭޓޯ" ބޭބީ ފުޑް ފުޅިއެއް ތަހުލީލު ކުރިއިރު އޭގައި މީދާ މަރާ ވިހަ ހުރިކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާއިން ފެނުނު ބައެއް ފުޅިތަކުގައިވެސް ކަނޑައެޅިގެން ނޭނގޭ ވިހަ މާއްދާއެއް ހުރިކަން ވަނީ ފާހަގަވެފައެވެ.

ފުލުހުން ވަނީ ފުޅީގެ ފުލުގައި ރަތް ބުރެއް ޖަހާފައިވާ ހުދުކުލައިގެ ސްޓިކާއެއް ހުންނަ ފުޅިތަކާއި، މަތިގަނޑަށް ގެއްލުން ލިބިފައިވާ ނުވަތަ އާދަޔާ ހިލާފު ވަހެއް ދުވާ ފުޅިތައް ބޭނުން ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މީދާ މަރާ ވިހަ ބޭނުންކުރެވިއްޖެނަމަ ހަށިގަނޑުގައި ވިޓަމިން ކޭ (Vitamin K) މަސައްކަތް ކުރުމަށް ހުރަސްއަޅައި، ލޭ އައުމާއި، ވަރުބަލިވުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެންނާނެއެވެ. އެހެންކަމުން އެއްވެސް އާދަޔާ ހިލާފު އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.